ކުޅިވަރު

އައިއޯއައިޖީ ގައި ވާދަކުރާ ރާއްޖެ ޓީމްގެ ޕާޓްނަރަކަށް އެމްސީބީ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފިއެވެ.



އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ
ރާއްޖޭގެ ކޮންޓިޖެންޓުގެ ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި މޮރިޝަސް ކޮމާޝަލް
ބޭންކު ހަމަޖެއްސައި، އެއްބަސްވުމުގައި ސޮއިކުރުން އޮތީ މޫކައި ހޮޓެލްގައި އޮތް
ހާއްސަ ހަފްލާއެއްގައެވެ.

 އެއްބަސްވުމުގައި މޮރިޝަސް ބޭންކްގެ ފަރާތުން
ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ ގިލް މެރީ ޖީންއެވެ. މޯލްޑިވްސް
އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޓީގެ ޓްރެޜަރާ ހުސެއިން ރަޝީދެވެ. 

މިހަފްލާގައި ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ
އަހުމަދު މަރުޒޫޤު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ކޮންމެ އެތްލީޓަކަށާއި،
އޮފިޝަލަކަށް މޮރިޝަސް ކޮމާޝަލް ބޭންކްގެ ޑެބިޓް ކާޑެއް، ފައިސާގެ އެހީއަކާއެކު
ދެވޭނެ ކަމަށެވެ.  އަންނަ މަހު އެކެއްގައި
ރީޔޫނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ވާދަކުރާ އެތްލީޓުންނަށް އެހީތެރިވުމުގެ ގޮތުން މޮރިޝަސް ކޮމާޝަލް
ބޭންކުން މަސައްކަތް ކުރާނެ ކަމަށާއި ގޭމްސްގައި ރާއްޖެއަށް ކާމިޔާބަށް އެދޭކަމަށް
އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ ގިލް މެރީ ޖީން ވިދާޅުވިއެވެ. 

އެމްސީބީ އިން
ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މާލީ ފައިދާއަށްވުރެ ބޮޑަށް ރާއްޖޭގެ
ކުޅިވަރަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެއެވެ. އެމްސީބީއިން ވަނީ
ދެހާސް އެގާރަވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް
ޕާޓްނަރެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީއާއެކު މަސައްކަތް ކޮށްފައެވެ.



ނުވަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
ކުރިއަށްދާނީ އޮގަސްޓް މަހު އެކަކުން ދިހަޔަކަށް ރީޔޫނިއަންގައެވެ.