ޚަބަރު

ޖިންސީ އަނިޔާ ލިބުނުކަން ރިޕޯޓްކުރިތާ ދެގަޑިއިރު ތެރޭގައި އެމާހައުލުން ކުއްޖާ ދުރު ކުރެވުނު: ޖެންޑަރ މިނިސްޓަރ


ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ހުށައެޅުނީ މިހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި، އެކަން ރިޕޯޓް ކުރިތާ 2 ގަޑިއިރު ތެރޭގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ފެށުނު ކަމުގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވެފައި ވަނީ، އެމައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުންނާއި ޖެންޑާއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ، އެމައްސަލަ ރިޕޯޓް ކުރިތާ 2 ގަޑިއރުގެ ތެރޭގައި ޖެންޑާއާއި ފުލުހުން ހަރަކާތްތެރިވާން ފެށި ކަމަށެވެ. އަދި ހަމަ އެދުވަހު އެކުއްޖާ އެމާހައުލުން ދުރު ކުރެވިފައި ވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން މިހާތަނަށް އެ ކުއްޖާގެ ރައްކާތެރިކަމާ ގުޅުންހުރި އެއްވެސް މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުރަތަމަ ހުށަހެޅުނީ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ގޮތުގައި ނޫންކަމަށެވެ. ނަމަވެސް އެ ކުއްޖާ ޑޮކްޓަރަށް ދެއްކި ހިސާބުން އެކަން އެނގި އެ މައްސަލަ އިތުރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށުނު ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާއިރު އެ ތިން މީހުންނަށްވެސް ކުރެވެނީ ތަފާތު ތުހުމަތުތަކެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެެވެ. އެގޮތުން މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ 2 މީހަކަށް ކަމަށާ އަނެއް މީހާގެ މައްޗަށް އަދި ކުރެވެނީ އިހުމާލު ކުރުމުގެ ތުހުމަތު ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި ހައްޔަރުކުރި 3 މީހުންގެ ތެރެއިން މީގެ ކުރިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ 82 އަހަރުގެ މީހާއަށް އެކަނި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެ މައްސަލައިގެ ޝަރީއަށް މިހާރުވެސް ކުރިއަށްދާކަން ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.