ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ކުދި ވިޔަފާރިތަކަށް 1 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަމަށް ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުނީކަމަށްވާ އެމެޒޯންއިން ހާމަކޮށްފިއެވެ.
އެމެރިކާގެ އެމެޒޯންއިން މިކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނީގެ ވެރިޔާ، އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާކަމަށްވާ، ޖެފް ބެޒޯޒް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވި ހަރަކާތެއްގައެވެ.
އެމެޒޯންއިން ކުރިއަށްއޮތް 5 އަހަރުތެރޭގައި އިންޑިއާގެ ވިޔަފާރިތަކަށް 1 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯޒް ހާމަކުރައްވާފައިވާއިރު، އެފައިސާ ޚަރަދުކުރާނީ ތަކެތި އުފައްދާ ފަރާތްތަކާއި، ރީޓެއިލްކޮށް ވިއްކާ ފަރާތްތަކާއި އަދި ބައެއް ފިހާރަތަކާއި ބްރޭންޑްތަކަކަށް ކަމަށް އެމެޒޯންއިން ބުނެއެވެ.
އެމެޒޯންއިން ބުނާގޮތުން 5 ލައްކައަށްވުރެ ގިނަ ފަރާތަކުން ދަނީ އެމެޒޯންގެ އޮންލައިން މާކެޓް "އެމެޒޯން އިންޑިއާ" މެދުވެރިކޮށް އެކި ބާވަތުގެ މުދާ ވިއްކަމުންނެވެ. އަދި މީގެތެރެއިން ގާތްގަނޑަކަށް 60 ހާސް މީހުން ދަނީ އެމީހުންގެ އުފެއްދުންތައް "އެމެޒޯން އިންޑިއާ" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކަމުންނެވެ.
އެމެޒޯންއިން ބުނީ އިންޑިއާގެ ކުދި ވިޔަފާރިތަކަށް އިންވެސްޓްކުރުމުން އެމެޒޯންގެ އޮންލައިން މާކެޓް ބޭނުންކުރާ ވިޔަފާރިވެރިންގެ އަދަދު 2025 ވަނަ އަހަރާ ހަމައަށްދާއިރު 10 މިލިއަނަށް އިތުރުކުރެވޭނެކަމަށެވެ. އަދި އެމެޒޯންގެ އިންވެސްޓްމަންޓްތަކާއެކު 10 ބިލިއަން ޑޮލަރުގެ މުދާ އޮންލައިން ވިޔަފާރީގެ ތެރެއިން އިންޑިއާއިން އެކްސްޕޯޓް ކުރެވިގެންދާނެކަމަށްވެސް އެމެޒޯންއިން ޤަބޫލުކުރެއެވެ.
އެމެޒޯއިން 1 ބިލިއަން ޑޮލަރު އިންޑިއާގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ނިންމާފައިވާއިރު، މިއީ އޮންލައިން ވިޔަފާރީގެ ތެރެއިން އިންޑިއާގެ ފުޅާ އިޤްތިޞާދުގެ ތެރެއަށް އެމެޒޯން ވަނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެމެޒޯންއިން އިންޑިއާގައި ވިޔަފާރި ފުޅާކުރަމަށް މަސައްކަތްކުރަމުންދާއިރު، މިހާތަނަށް އެކުންފުނިން ވަނީ އިންޑިއާގައި 5 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައެވެ. ނަމަވެސް އެކުންފުންޏަށް މިކަމުގައި ދިމާވެފައިވާ އެންެމެ ބޮޑު ގޮންޖެހުމަކީ ވާދަވެރި އެހެން އޮންލައިން ވިޔަފާރި ކުންފުނިތަކެވެ. މިގޮތުން އިންޑިއާގެ އޮންލައިން ވިޔަފާރީގެ މެޖޯރިޓީ ހޯދުމަށް އެމެޒޯންއިން ދަނީ ވާދަވެރި ވޯލްމާޓްއާ ވާދަކުރަމުންނެވެ.
2027 ވަނަ އަހަރާ ހަމައަށްދާއިރު އިންޑިއާގެ އޮންލައިން މާކެޓްގެ އަގު 200 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރާއިރު، 2018 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އޮންލައިން މާކެޓްގައި ރަސްކަންކުރަނީ ވޯލްމާޓުންނެވެ. އޮންލައިން ވިޔަފާރި ފުޅާކުރުމަށް ވޯލްމާޓުން ވަނީ 2018 ވަނަ އަަހަރު އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމެއްކަމަށްވާ ފްލިޕްކާޓުވެސް 16 ބިލިއަން ޑޮލަރަށް ގަނެފައެވެ.
ވޯލްމާޓްފަދަ ކުންފުނިތަކާ ވާދަކުރުމަށް އެމެޒޯންއިން މަސައްކަތްކުރަމުންދާއިރު، އެމެޒޯއިން ދާދިފަހުން ވަނީ އިންޑިއާގެ އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމެއްކަމަށްވާ 'ފިއުޗަރ ރީޓެއިލް'އާއެކު މަސައްކަތްކުރުމަށް ނިންމާފައެވެ. ފިއުޗަރ ރީޓެއިލްއަކީ އެތައް ސަތޭކަ ފިހާރަތަކަކާ ގުޅިފައިވާ ނެޓްވޯކެކެވެ. މިއާއެކު އެމެޒޯންގެ ކަސްޓަމަރުން އޯޑަރު ދޭ ތަކެތި 'ފިއުޗަރ ރީޓެއިލް'ގެ ފިހާރަތަކުން ލިބޭ ގޮތް ހަމަޖެހިގެންދާނެއެވެ.
އެމެޒޯންގެ ވިޔަފާރި އިންޑިއާގައި ފުޅާކުރުމަށް މަސައްކަތްކުރަމުންދާއިރު، އިންޑިއާގެ އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރިލަޔަންސް ރީޓެއިލްއަކީވެސް އެކުންފުންޏަށް އޮތް ގޮންޖެހުމެކެވެ. އިންޑިއާ އަދި އޭޝިޔާގައިވެސް ހުރި އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ ރިލަޔަނަސް ރީޓެއިލްގެ 11 ހާހަށްވުރެ ގިނަ ފިހާރަތަކަށް އިންޑިއާގައި ހުރިއިރު، އެފިހާރަތަކުން ދަނީ ސްމާޓް ފޯނުން ފެށިގެން، ތަރުކާރީގެ ބާވަތްތަކަށްދެން ވިއްކަމުންނެވެ. އަނެއްކޮޅުން ރިލަޔަނަސް ރީޓެއިލްއިން "ޖިއޯ މާޓް" ނަމުގައި އޮންލައިން ވިޔަފާރި ފެށުމަށް ތައްޔާރުވަމުންދާއިރު، ޖިއޯ މާޓުން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންނަށް ތަކެތި ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ހިލޭ ކުރިއަށްގެންދިއުމަށެވެ. އަދި މިއީ އެމެޒޯންއާއި ވޯލްމާޓްއާ ވާދަކުރުމަށް ފަށާ ވިޔަފާރިއެއްކަމަށް އަމްބާނީވެސް ވަނީ ބުނެފައެވެ.
ވާދަވެރި ކުންފުނިތަކުގެ ވާދަވެރިކަމުގެ އިތުރުންވެސް އެމެޒޯންއަށް އިންޑިއާއިން ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން އިންޑިއާ ވިޔަފާރިވެރިން މުދާ ވިއްކާ އަގުތަކަށްވުރެ އަގު ދަށްކޮށް އެމެޒޯންއާއި ވޯލްމާޓުން މުދާ ވިއްކާ މައްސަލަ އިންޑިއާގެ އެންޓި ޓްރަސްޓް ކޮމިޝަނުން ދަނީ ތަހުޤީޤްކުރަމުންނެވެ. ނަމަވެސް އެ ދެ ކުންފުނިންވެސް މިކަން ދޮގުކުރެއެވެ.