ވިޔަފާރި

ތިމަރަފުށިން ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ދޫކުރަނީ


ތ. ތިމަރަފުށީގައި ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ދޫކުރުމަށް ހުޅުވާލައިފިއެވެ.

ތިމަރަފުށީ ކައުންސިލް އިދާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ތިމަރަފުށީގައި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ބިން ދޫކުރަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ. ކައުންސިލުން ދޫކުރާ ބިންތަކުގައި ގެސްޓުހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ވިއްކަނީ 2 ފެބްރުއަރީ އިން ފެށިގެން 13 ފެބަރުއަރީގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމަޔަށް ތިމަރަފުށީ ކައުންސިލް އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއްނަމަ 1000 ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ 100 ޑޮލަރަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު 11:00 ޖަހާއިރު ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ ފެބްރުއަރީ 27 ވަނަ ދުވަހު ތިމަރަފުށީ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން ބުނެއެވެ.