ޚަބަރު

ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި ކާފައާއި މުނިކާފަގެ ބަންދަށް 15 ދުވަސް


ގއ.ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކު "ރޭޕް" ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ ހައްޔަރު ކުރި ކުއްޖާގެ ކާފައާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރި އުމުރުން 62 އަހަރުގެ މީހާއާއި 81 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

މިމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި ބަންދުނުކުރެވިގެން އުޅޭ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މިގޮތުން އެ އަތޮޅު ގެމަނަފުށްޓާއި ވިލިނގިއްޔަށް އެ ދެމީހުން ގެންދިޔުމުންވެސް އެ ރަށްތަކުގެ އާއްމުން ވަނީ އެ މީހުން އެރަށަށް ނޭރުވުމަށް ގޮވާ ހަމަނުޖެހުން ހިންގާފައެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ހުރި ހުޅުމާލެ ފްލެޓް ކައިރިއަށް އާންމުގެ އެތައްބަޔަކު އެއްވެ ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ. ފުލުހުން އެމީހާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ޢާއްމުންނަށް ނޭނގޭގޮތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ހުރިކަމަށް ބުނާ ހުޅުމާލެ ފްލެޓް ކައިރިއަށް މިއަދު ހަވީރުން ފެށިގެން އާއްމުންދިޔައީ އެއްވެ އަޑުއުފުލަމުންނެވެ. އެސަރަޙައްދަށް އެއްވެ ތިބި މީހުން މަސައްކަތް ކުރީ އެގެޔަށް ވަނުމަށް ކަމަށް މަޢުލޫމާތުލިބެއެވެ. އެއްވެ ތިބި އާންމުން ހަމަނުޖެހުން ހިންގަންފެށީ ކޯޓު އަމުރެއް ނުލިބިގެން ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވި ލަސްވާތީ ކަމަށް ބުނެއެވެ. ހަވީރުގެ ވަގުތެއްގައި ކުއްޖާގެ ބައްޕަ ހުރިކަމަށް ތުހުމަތު ކުރެވޭ ފްލެޓަށް ޢާންމުން ގާއުކުމުގެ ސަބަބުން އެ ގެއަށްވަނީ ގެއްލުއްތަކެއްވެފައެވެ. ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށް، އެސްއޯ ފުލުހުންވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރުގެ ތުއްތު ކުއްޖާ ހުރީ މިވަގުތު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.