ސިޔާސީ

މިނިވަން 50 ފާހަގަކުރާނީ އުފާވެރި މާހައުލެއްގައި - އިބޫ


ޖުލައިން 26 ގައި މިނިވަން 50 ފާހަގަ ކުރާއިރު އޮންނާނީ އުފާވެރި މާހައުލެއް ގާއިމް ކުރެވިފައި ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލިޑަރ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ސަރުކާރާއި އެމްޑީޕީއާއެކު ބޭއްވުނު 3 ވަނަ ބައްދަލުވުމަށްފަހުގައި ރައީސް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ސަރުކާރާއެކު ކުރެވެމުންދާ މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅު ބިންގަލެއްގެ މަތީގައިކަމަށެވެ. " އަޅުގަނޑުމެން މިތިބރީ ރަނގަޅު ބިންގަލެއްގެ މަތީގައި. މިނިވަން 26 (ޖުލައިން 26) އަންނަ އިރުގައި އަޅުގަނޑުމެން ތިބޭނީ ހަމަ އުފާވެރި މާހައުލެއްގައި. މިނިވަން ކަން ފާހަގަ ކުރުމަށް ބޭނުންވާ ރަނގަޅު މާހައުލެއްގައި. " އިބޫ ވިދާޅުވިއެވެ. ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އިބޫ ފާހަގަ ކުރެއްވި ގޮތުގައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކާ މާހައުލު ފިނިކުރުމަށް މިރޭވެސް ވާހަކަ ދެކެވުނެވެ. " ދެފަރާތުންވެސް ވަރަށް އިތުބާރާއި ޔާގީންކަމާއެކު މަޝްވަރާތައް ކުރިއަށް މިގެންދިއައީ. ދެފަރާތުން ވެސް ބޭނުންވާ ކަންކަން ހުށަހެޅިގެން ދިޔަ. އަޅުގަނޑުމެން ދެފަރާތުންވެސް (ކުރިއަށް އޮތްތާންގައި) ފެންނިގެންދާނީ ވަރަށް ފިނި ޖައްވެއްގައި މަސައްކަތް ކުރާތަން." އިބޫ ފާހަގަ ކުރެއްވިއެވެ.އެމްޑީޕީއިން މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަނީ، މައިގަނޑު 3 ނުކުތާއެއްގެ މައްޗަށެވެ. އެއީ، ޝަރީއައިތް ނިމި ހުކުމް ތަންފީޒް ކުރަމުންދާ ފަރާތްތަކަކާއި،  ކޯޓް މަރުހަލާގައި ހުރި މައްސަލަ ތަކަކާއި، ވިޔަފާރި ވެރިންނަށް ހުރި ހުރަސްތަކެއްގެ މައްޗަށެވެ. މިރޭގެ މަޝްވަރާތަކަށްފަހު އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، މިދާއިރާތަކުން މިހާރުވެސް ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަ ކުރެވޭކަމަށާއި، ކުރިއަށް އޮތްތާންގައިވެސް އިތުރު ކުރިއެރުންތައް ލިބިގެން ދާތަން ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. މިރޭގެ މަޝްވަރާތަކަށްފަހު ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ، އެމްޑީޕީއާއި ސަރުކާރާއި ދެމެދު ހޮޓްލައިނެއް މިހާރު ވަނީ ގާއިމް ކުރެވިފައެވެ. " ކަންކަމާމެދު މަޝްވަރާ ކުރުމަށް އެމްޑީޕީ އާއި ސަރުކާރާ ދެމެދު މިހާރުވެނީ ހޮށްލައިނެއް ގާއިމް ކުރެވިފައި. އެ ހޮޓްލައިނަކީ އަޅުގަނޑާއި، އެމްޑީޕީގެ މަންދޫބު އިބްރާހިމް މުހައްމަދު ޞާލިހް އާދެމެދު ގާއިމް ކުރެވިފައިވާ ހޮޓްލައިނެއް. ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑުމެން ދެމީހުންނަށް ގުޅާ މަޝްވަރާ ކުރެވިދާނެ. މިމަހުގެ 21 ގައި އިތުރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު އޭގެ ކުރިން ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ އެކަމަކަށް ވެސް ހުރަހެއް ނެތް" އުމަރު ފާހަގަކުރެއްވިއެވެ.