ޚަބަރު

ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ ކަނޑައެޅުގައި މަޝްވަރާ ކޮށްފައިނުވޭ - އެލްޖީއޭ


ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަތައް ކަޑައަޅާފައިވަނީ އެލްޖީއޭއާއި މާބޮޑު މަޝްވަރާކުރުމެއްނެތިކަމަށް އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުނަށް ގެނެސްފައިވާ ބަދަލުތަކާއެކު ކައުންސިލްތަކުގެ ސެކެރެޓަރީ ޖެނެރަލުން ވެގެންދާނީ އެކައުންސިލެއްގެ އެންމެ ޒިންމާއާއި މަސްއޫލިއްޔަތު ބޮޑު މަޤާމަށްކަމަށެވެ. އެލްޖީއޭގެ ވިސްނުންހުރީ އެމަޤާމަށް ކަޑައަޅާ މީހަކީ ރަނގަޅު މުސާރައެއްލިބޭ މީހެއްކަމުގައި ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސިވިލްސާވިސް ކޮމިޝަނުން މުސާރަތައް ކަނޑައަޅައި ކައުންސިލްތަކަށް އެކަން އަންގާފައިވާއިރު އެލްޖީއޭއާއި މާބޮޑު މަޝްވަރާއެއް ކޮށްފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުސާރަތައް ކަނޑައެޅާފައިވާއިރު ރަށްރަށުގެ ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުންނަށް ކަނޑައަޅާފައިވާ މުސާރައަކީ ކައުންސިލްތަކުގެ ޑިރެކްޓަރުންނަށް ލިބޭ މުސާރައަށްވުރެވެސް ދަށް މުސާރައެއްކަމަށެވެ. މިގެންވުމުން މި މަޤާމަށް ރަނގަޅުމީހުން ހޯދުމަކީ އަދިވެސް ފަސޭހަކަމަކަށް ނުވާނެކަމަށެވެ.

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުންގެ މުސާރަތަކުގައި މާބޮޑު މައްސަލައެއް ނެތްނަމަވެސް ރަށު ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދާއިމެދު ޝަރީފްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސިވިލްސާވިސްއިން ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުންގެ މަޤާމު އުފައްދައި މުސާތަރައް ކަނޑައަޅާފައިވާއިރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަކަށް އެގްޒެކެޓިވް އެލަވަންސާއިއެކު ތިރީސް ފަސް ހާސް ފަސް ސަތޭކަ ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަކަށް އެގްޒެކެޓިވް އެލަވަންސާއިއެކު އެކާވިސް ހާސް ރުފިޔާ ލިބޭއިރު، ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަކަށް އެގްޒެކެޓިވް އެލަވަންސާއިއެކު ލިބޭނީ ސޯޅަ ހާސް އެއް ސަތޭކަ ރުފިޔާއެވެ.