ޚަބަރު

އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލާ ރައީސުލްޖުމްރިއްޔާ މަޝްވަރާކުރައްވައިފި


ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމްގެ އިތުރުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމާ ގުޅޭގޮތުން އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޢަބްދުލް ޙާމީދު އަލް ޚަލީފާއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވައިފިއެވެ.

ޢަބްދުލް ޙާމީދު އަލް ޚަލީފާއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިމަޝްވަރާތައް ކުރައްވާފައިވަނީ ރައީސްގެ އަރިހަށް އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ކުރިއަށް ގެންދެވި މަޝްވަރާގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އޮފިޑުން ފަންޑުކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ ޢުމްރާނީ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމްގެ އިތުރުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އޮފިޑްގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން އޮފިޑްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެއަށް މަރުޙަބާ ވިދާޅުވެ، އޮފިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރަމުންގެންދާ މަސައްކަތުގައި ގާތް އެކުވެރިއެއްގެ ގޮތުގައި އޮފިޑުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ.