ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާއަޅައިފިއެވެ.
ހުޅުމާލެ ނެއިބަހުޑް 2ގައި މިރިހިމަގަށް ވާގޮތަށް އޮތް ހުސްބިމުގައި އިމާރާތްކުރާ މިމިސްކިތުގެ، ބިންގާ އަޅުއްވައި ދެއްވީ، އެކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، އާރްސީސީގެ ކުންފުނީގެ އިސްވެރިންނެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އަކީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެކެވެ.
މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި، އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުންނާއި، އާރްސީސީގެ މުވައްޒަފުންނާއި، ކާނަލް ނާޒިމްގެ އާއިލީ ބޭފުޅުން ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި އާރްސީސީގެ ޑިރެކްޓަރ ކާނަލް މުހައްމަދު ނާޒިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސްކިތެއް ބިނާކުރުމަކީ އެއާއިލާއިން ވަރަށް ކުރިއްސުރެ އުއްމީދުކުރަމުން އައި ކަމެއް ކަމަށެވެ.
އާރްސީސީގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ މިމިސްކިތަކީ، މިހާތަނަށް ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު މިސްކިތެވެ.
މިސްކިތް ބިނާކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން އާރްސީސީގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އާދަމް ރަހީމް ވިދާޅުވީ، އެމިސްކިތުގައި ދަތިނުވެ އެއްފަހަރާ 1300އަށްވުރެ ގިނަމީހުނަށް ނަމާދު ކުރެވޭނެ ކަމަށެވެ.
އަދި މިސްކިތުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނާމާދުކުރެވޭނެ ގޮތަށް އިންތިޒާމްކޮށްފައި ހުންނާނެ ކަމަށާއި، އަންހެނުންނާއި ފިރިހެނުން މިސްކިތަށް ވަންނަން ވަކި ދޮރާށީ ހުންނާނެ ކަމަށެވެ
އާރްސީސީގެ ފަރާތުން އިމާރާތްކުރާ މިމިސްކިތަކީ 3 ފަންގިފިލާގެ މިސްކިތެކެވެ. މިމިސްކިތުގައި ބޭނުންކުރާ ކަރަންޓަކީ އިރުގެއަވިން އުފައްދާ ހަކަތައަށް ވާނެ ކަމަށާއި، މިސްކިތުގގެ ސަރަހައްދުގައި ޕާކިންގ އޭރިއާއެއްވެސް އޮންނާނެ ކަމުގައި އާރްސީސީން ވަނީ ބުނެފައެވެ.
މިމިސްކިތް ބިނާކުރުމުގެ މަސައްކަތް 2 އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.