ވިޔަފާރި

ލޯނުތަކުގެ ބޭނުން ހިފުމުގައި ރާއްޖެއަކީ ނަމޫނާ ޤައުމެއް - އޯޕެކް ފަންޑް


އޯޕެކް ފަންޑުން ދޫކުރާ ލޯންތަކުން މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގައި ރާއްޖޭގެ މަސައްކަތް ވަރަށް ފުރިހަމަކަމަށް އޯޕެކް ފަންޑުން ބުނެފިއެވެ.

ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނަރަލް ޑރ. އަބްދުލް ހާމިދް އަލް ޚަލީފާ ވިދާޅުވީ އޯޕެކްއިން ލޯނު ދޫކޮށްފައިވާ އެހެނިހެން ޤައުމުތަކާއި ބަލާއިރު ރާއްޖޭގެ މަސައްކަތްތައް ވަރަށް ފުރިހަމަކަމަށެވެ. އެގޮތުން ލޯނު ލިބުމާއެކު މަޝްރޫޢުތައް ފެށުމުގައި ލަސްނުކުރާ ކަމަށާއި މިއީ އޯޕެކް ފަންޑުން ވަރަށް ބޮޑަށް ފާހަގަކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

" ރާއްޖެއަކީ މަޝްރޫޢުތައް ހިންގުމުގައި ބަރާބަރު ޤައުމެއް. އާއްމުކޮށް އެހެނިހެން ޤައުމުތަކާއެކު ވާގޮތަކީ އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ވަރަށް ގިނަ ދުވަސްނަގާ މަޝްރޫޢުތައް ފެށުމަށް. އެހެންނަމަވެސް ރާއްޖެއަކީ ލޯނު ލިބުމާއެކު މަޝްރޫޢުތައް ބާރު ސްޕިޑުގައި ކުރިއަށްގެންދޭ. " ޑރ. އަބްދުލް ހާމިދް އަލް ޚަލީފާ ވިދާޅުވިއެވެ.

ރާއްޖެއިން ލޯނުތައް ދައްކާ ޚަލާސްކުރާ މިންވަރާއި ބެހޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނަރަލް ޑރ. އަބްދުލް ހާމިދް އަލް ޚަލީފާ ވިދާޅުވީ ފާއިތުވި 42 އަހަރުގެ ގުޅުމުގައި ލޯނު އަދާކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާކަމަށެވެ. އަދި ރާއްޖެއަކީ އަހަރުން އަހަރަށް ލޯނު އަދާކުރާ ކުރާ ޤައުމެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އޮޕެކް ފަންޑާއި އެކު ގުޅުން ބަދަހިކޮށްފައިވަނީ 1996 ވަނަ އަހަރު އެވެ. ފާއިތުވި އަހަރުތަކުގައި އޮޕެކް ފަންޑުން ވަނީ ރާއްޖޭގެ 23 ޕްރޮޖެކްޓަކަށް 200 މިލިއަން ޑޮލަރަށްވުރެ ގިނަ ރުފިޔާގެ ލޯނު ދީފައެވެ.