ޚަބަރު

ސިވިލް ސަރވިސް ޤަވާއިދު އިސްލާހުކުރަން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ސިވިލް ސަރވިސްގެ ޤަވާއިދު އިސްލާހުކުރަން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިވިލް ސާވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ ޅ ގެ ދަށުން އެކުލަވައިލި "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014" ރިވިއުކޮށް އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ސިވިލް ސަރވިސްގެ ޤަވައިދަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލާފައިވަނީ އާންމުންނާއި، ސަރުކާރުގެ އިދާރާތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތަކާއި، މަސްލަހަތާވެސް ގުޅުންހުރި ގަވާއިދަކަށްވާތީ، ގެންނަ އިސްލާހުތަކަކީ ރައްޔިތުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާއާއެކު ގެނެވޭ އިސްލާހުތަކަކަށް ހަދަންކަމަށް ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ވަނީ އެ ޤަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ޚިޔާލު އެއް މަސް ދުވަހުގެ ތެރޭގައި ހުށައެޅުމަށް ހުޅުވާލާފައެވެ.

ސިވިލް ސަރިވިސް ކޮމިޝަނުން ވިދާޅުވީ މި ޤަވައިދަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ 2014 ވަނަ އަހަރުގެ ފަހުން އެ ޤަވާއިދު އިސްލާހުކޮށްފައި ނުވާތީކަމަށެވެ. އަދި އޭގެ ފަހުން ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅުން ހުރި ބައެއް ޤާނޫނާއި ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަންވެސް އެކޮމިޝަނުން ބުނެއެވެ.

ސިވިލް ސަރވިސް ޤަވާއިދަށް އިސްލާހު ގެނައުމަށް ނިންމާފައިވާއިރު އެޤަވާއިދަށް އިސްލާހު ގެނައުމަށް ބައެއް މުވައްޒަފުންވެސް އެދިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.