ވިޔަފާރި

މިއަހަރު ހުޅުވި ފުރަތަމަ ރިސޯޓް "ބްރެނިއާ ކޮއްޓެފަރު"


ރ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ބްރެނިއާ ކޮއްޓެފަރު" ރިސޯޓު ހުޅުވައިފިއެވެ.

ބްރެނިއާ ކޮއްޓެފަރު ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. އިއްޔެ މި ރިސޯޓު ހުޅުވައި ގެސްޓުންނަށް ޙިދުމަތްދޭން ފެށި ނަމަވެސް ރަސްމީކޮށް ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ ތެރޭގައެވެ.

15 ހެކްޓަރުގެ މި ރިސޯޓުގައި ޖުމްލަ 190 ވިލާ ހުރެއެވެ. މީގެ ތެރޭގައި ބީޗް ވިލާއާއި އޯވަރ ވޯޓަރ ވިލަރ، ގާރޑެން ވިލާ، އަދި ޚާއްސަ ވިލާތަކެއްކަމަށްވާ ބްރެނިއާ ރެސިޑެންސް ވިލާތައް ހިމެނެއެވެ.

ވިލާތަކުގެ އިތުރުން ރިސޯޓުތަކުން ދޭ އިތުރު ޚިދުމަތްތަކަށް ބަލާލާއިރު ތަފާތު ކެއުންތަކަށް ޚާއްސަކޮށްގެން ތިން ރެސްޓޯރެންޓް ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ. އެއީ އިންޓަރނޭޝަލް ކެއުންތަކަށް ޚާއްސަ "ލައިމް" ރެސްޓޯރެންޓާއި އޭޝިއާގެ ކެއުންތަކަށް ޚާއްސަ "މަންޓާ" އަދި ބާބެކިއުއަށް ޚާއްސަ "ސަންސެޓް ގްރިލް" ރެސްޓޯރެންޓެވެ.

ރެސްޓޯރެންޓްތަކުގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން މި ރިސޯޓުގައި މޫދު ކުޅިވަރުގެ ޙަރަކާތްތަކާއި ޑައިވިން ސެންޓަރެއް ޤާއިމްކޮށްފައި ހުރިއިރު، ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ރިސޯޓުގައި ޤާއިމްކޮށްފައިވެއެވެ.

ރ އަތޮޅަކީ މިހާރުވެސް މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ތަރައްޤީކޮށްފައިވާ އަތޮޅެކެވެ. ޖުމްލަ 12 ރިސޯޓު ރ އަތޮޅުގައި ހިންގަމުންދާއިރު "ބްރެނިއާ ކޮއްޓެފަރު" ރިސޯޓާއެކު ރ އަތޮޅުގެ ރިސޯޓްތަކުގެ އަދަދު ވަނީ 13އަށް އަރާފައެވެ.