ޚަބަރު

ޝަޚުޞު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އަނެއްކާވެސް ހިފަހައްޓައިފި


ވައްތަރު މީހެއްގެ ޕާސްޕޯޓް ހިފައިގެން ޝަޚުޞު އޮޅުވާލައިގެން ރާއްޖެއެތެރެވާން އުޅުނު ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 53 އަހަރުގެ ބިދޭސީއެއްކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. އިމިގްރޭޝަނުން ބުނީ އެމީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލުކޮށްފައިވާކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 6 މީހަކު މިއަހަރުތެރޭ މިހާތަނަށް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް، ދާދި ފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވެސްވަނީ ފަހުގެ ސޮފްޓްވެއަރތަކަށް އަޕްގްރޭޑްކޮށްފައެވެ.

މި ސިސްޓަމްތައް އަޕްގްރޭޑްކޮށް ރާއްޖެ އެތެރެވެ ބޭރުވާ މައި އެއަރޕޯޓްތަކާއި، ކަސްޓަމްސް ޕޯޓުތަކުގައިވެސް ވަނީ ބަހައްޓާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އެމްޕީއެލް ޕޯޓާއި، އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސްވަނީ ސިސްޓަމްތައް އަޕްގްރޭޑްކޮށްފައެވެ.