ވިޔަފާރި

ވިސާއިން 5.3 ބިލިއަން ޑޮލަރަށް ޕްލެއިޑް ގަނެފި


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ އެމެރިކާގެ "ވިސާ" ކުންފުނިން ފައިނޭންްޝަލް ޓެކްނޮލޮޖީގެ ޚިދުމަތްތައް ފޯރުކޮށްދޭ "ޕްލެއިޑް" ގަނެފިއެވެ.

ވިސާ ކުންފުނިން ޕްލެއިޑް ގަނެފައިވަނީ 5.3 ބިލިއަން ޑޮލަރަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާލީ ދާއިރާއާ ގުޅޭ ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު، މާލީ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކުން ދަނީ އާ ޓެކްނޮލޮޖީތަކާއި ސޮފްޓްވެއަރތައް ތައާރަފްކުރަމުންނެވެ. ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކުރުމަށްޓަކާ މި ޓެކްނޮލޮޖީތަކާއި ސޮފްޓްވެއަރތައް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އަދި މާލީ ދާއިރާއާ ގުޅޭ މިފަދަ ޓެކްނޮލޮޖީތައް އުފެއްދުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މަސައްކަތް ބޮޑެތި ކުންފުނިތަކުގެ ސަމާލުކަމަށް އައިސް، ބޮޑެތި ކުންފުނިތަކުން އަންނަނީ އެފަދަ ކުންފުނިތައް ގަންނަމުންނެވެ.

މިގޮތުން ބައިނަލްއަޤްވާމީ ފެންވަރެއްގައި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ހިދުމަތް ފޯރުކޮށްދޭ "ވިސާ" ކުންފުނިން ދާދި ފަހުން ވަނީ މާލީ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތަކާއި ޓެކްނޮލޮޖީތައް ތަރައްޤީކުރާ ކުޑަ ކުންފުންޏެއްކަމަށްވާ "ޕްލެއިޑް" 5.3 ބިލިއަން ޑޮލަރަށް ގަނެފައެވެ. ވިސާ ކުންފުނިން ޕްލެއިޑް ގަތުމުގެ މައިގަނޑު މަޤްޞަދަކީ ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތުގެ އިތުރުން، މާލީ ދާއިރާއާ ގުޅުންހުރި އިތުރު ވިޔަފާރިތަކަށް ވަނުންކަމަށް ވިސާ ކުންފުނިން ބުނެއެވެ. މިހާރު ވިސާ ކުންފުންޏަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ އެކުންފުނީގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޓްރާންސެކްޝަން ފީގެ ގޮތުގައެވެ.

ވިސާއިން ޕްލެއިޑް ގަތުމުން ވިސާ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާވެ، އާ ފައިނޭންޝަލް ސޮފްޓްވެއަރ އަދި ޓެކްނޮލޮޖީ އެކުންފުނީގެ ހިންގުމާއި ހިދުމަތްތަކުގެ ތެރެއަށް ވަދެގެންދާނެއެވެ.

ވިސާއިން ގަނެފައިވާ ޕްލެއިޑް ކުންފުނިން މިހާރުވެސް ދަނީ އިލެކްޓްރޯނިކް ވަޞީލަތްތަކުގެ ތެރެއިން ފައިސާ ފޮނުވުމަށް ތަފާތު އެޕްލިކޭޝަންތަކާއި ސޮފްޓްވެއަރތައް ތަރައްޤީކުރަމުންނެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން ޕްލެއިޑްގެ ސޮފްޓްވެއަރތައް މިހާރުވެސް އެމެރިކާގެ ދެ ހާހެއްހާ މީހުން ބޭނުންކުރާއިރު، 11 ހާސް ބެންކު ބްރާންޗެއް ވަނީ މި ސޮފްޓްވެއަރތަކާ ގުޅުވާލާފައެވެ.

ވިސާ ކުންފުނިން ޕްލެއިޑް ގަނެފައިވާއިރު 2018 ވަނަ އަހަރު ވިސާއާއި ވިސާއާ ވާދަވެރި މާސްޓަރކާޑުންވެސް ވަނީ ޕްލެއިޑްއަށް އިންވެސްޓްކޮށްފައެވެ. ވިސާއިން ބުނީ ކުރިން ކުރި އިންވެސްޓްމަންޓްގެ ސަބަބުން ޕްލެއިޑް ކުންފުނި ގަތުމަށް ނިންމި ނިންމުން ފަސޭޙަވެގެންދިޔަކަމަށެވެ.