ޚަބަރު

މި ސަރުކާރު ވެރިކަމާއި ހަވާލުވެ ދެއްކެވި ތަފާތު، ރައްޔިތުން ބަލައިގެންފި - ރައީސް ނަޝީދު


އެމްޑީޕީން ރާއްޖޭގެ ހިންގުމާ ދެވަނަ ފަހަރަށް ހަވާލުވެ ދެއްކެވި ތަފާތު ރައްޔިތުން ބަލައިގެންފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "އެޖެންޑާ 19 ރަށަށް" ކެމްޕޭންގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުވަނީ ރައްޔިތުން މި ސަރުކާރަށް އިތުބާރުކުރާކަން ހާމަކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ދިނުމުން މިކަން ހާމަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން މި ސަރުކާރަށް ކުރާ އިތުބާރު އަލުން އާވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައިސް މަރުކަޒީ ބާރުވެރިކަން ނައްތާލާ ލާމަރުކަޒީ ނިޒާމަށް ބަދަލުކުރުމަކީ ރާއްޖޭގެ ރައްޔިތުން މިނިވަންކުރިވި ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. މި ސަބަބައްޓަކައި އެމްޑީޕީން ރާއްޖޭގެ ހިންގުމާއި ދެވަނަ ފަހަރަށް ހަވާލުވެ ދެއްކެވި ތަފާތު ރައްޔިތުން ބަލަގެންފިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް. މި ސަރުކާރުގެ ސިޔާސަތުތަކަކީ ރައްޔިތުންގެ ސިޔާސަތުތަކެއް. އެމްޑީޕީ ރާއްޖޭގެ ހިންގުމާއި ދެވަނަ ފަހަރަށް ހަވާލުވެ ދެއްކެވި ތަފާތު ރައްޔިތުން ބަލައިގެންފިކަން މިއަދު މިވަނީ ހާމަވެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އުތުރުގެ ރަށްތަކަށް ކުރި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ.އާއި ހދ.ގެ 10 ރަށަކަށް ވަނީ ދަަތުރުކޮށްފައެވެ. އަދި ކުޅުދުއްފުށި ސިޓީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ނަމުގައި ކޮންފަރެންސެއްވެސް ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެން ތަރައްޤީގެ މަޝްރޫޢުތަކާއި މިއަހަރުގެ ބަޖެޓްގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.