ޚަބަރު

ހިމަބިއްސަށް މިއަދު ޓެސްޓް ކުރި 15 މީހުންވެސް ބައްޔަށް ނެގެޓިވް


ހިމަބިއްސަށް މިއަދު 15 މީހަކު ޓެސްޓް ކުރި ނަމަވެސް އިތުރު މީހެއްގެ ގައިން މި ބަލި ފެނިފައިނުވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހިމަބިއްސާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ހެލްތު މިނިސްޓްރީން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1200 މީހުންނަށް ވެކްސިންޖަހާފައިވާ ކަމަށެވެ. އޭގެތެރޭގައި މި ސަރަޙައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ނަރުހުންނާއި ޑޮކްޓަރުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވި. މީގެ އިތުރުން ހިމަބިއްސަށް ޓެސްޓްކުރުންވެސް އިތުރުކޮށްފައިވާކަމަށްވެސް ވިދާޅުވި.

"ޓެސްޓް ކުރި އަދަދު އިތުރުވެއްޖެ. މިއަދު 15 މީހުންް ޓެސްޓް ކުރިފަރާތްތައް ހިމަބިއްސަށް ނެގެޓިވް. މިމީހުން އިތުރަށްވެސް ޓެސްޓް ކުރާނަން."މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހިމަބިއްސަށް ޓެސްޓުކުރުމާއި ވެކްސިން ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެކަމަށެވެ. އަދި ހިމަބިހި ޖެހިފައިވާ ފަރާތްތަށް އެކަހެރިކޮށް ފަރުވާދޭން ޖެހޭ ހާލަތެއްގައި ފަރުވާދެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެ މިނިސްޓްރީން ދަނީ އަތޮޅުތެރޭގެ ރަށްތަކުގައި ވެކްސިންގެ ޑޯޒް ހަމަ ނުކުރާ ފަރާތްތަކުގެ މަޢޫލޫމާތު އެއްކުރަމުންނެވެ.

":އަތޮޅުތެރެއިންވެސް 18 އަހަރުން ދަށުގެ ކުދިންނަށް ދަނީ ވެކްސިން ދެމުން. އަދި އަތޮޅުތެރެއިން ވެކްސިންދިން ފަރާތްތަކާއި ނުދޭ ފަރާތްތަކުގެ މައުލޫމާތު ދަނީ އެއްކުރަމުން. މިހާތަނަށް 48 ރަށެއްގެ މަޢުލޫމާތު އެއްްކުރެވިއްޖެ. ހަފްތާ ނިމޭއިރު ހުރިހާ ރަށެއްގެ މަޢުލޫމާތު ލިބޭނެ."މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިއްސަށް މިހާތަނަށް ވަނީ 3 މީހަކު ޕޮޒިޓިވް ވެފައެވެ.
ހިމަބިހީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ.