ޚަބަރު

ދަޢުލަތުން މާލީ އެހީދޭ މީހުންގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީއާ ޙިއްސާކުރަން ނިންމައިފި


އެންސްޕާ މެދުވެރިކޮށް ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީގެ އޮންލައިން ޕޯޓަލްގެ ބޭނުމަށް ހައުސިންގ މިނިސްޓްރީއާ ޙިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ނަޝީދުއެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

މިއެއްބަސްވުމުގައި ވާގޮތުން އެންސްޕާއިން ފޯރުކޮށްދޭ މަޢުލޫމާތު ހައުސިންގ މިނިސްޓްރީގެ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް ފިޔަވައި އެހެން ކަމަކަށް ބޭނުމެއް ނުކުރެވޭނެއެވެ. ހަމައެއާއެކު މަޢުލޫމާތުތަކުގެ ސިއްރު ހިފަހެއްޓުމުގެ ގޮތުން އިތުރު ފަރާތަކާއި އެ މަޢުލޫމާތު ޙިއްސާއެއްވެސް ނުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން، އެކަނިވެރި މައިންގެ މަޢުލޫމާތު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި، އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ މަޢުލޫމާތާއި އަދި ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެވޭ ފަރާތްތަކުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ދެވޭނެއެވެ.

އެންސްޕާއިން މިމަޢުލޫމާތުތައް ހައުސިންގ މިނިސްޓްރީއަށް ފޯރުކޮށްދެނީ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް އެކަމަށް ޚާއްޞަ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ. އަދި އެންސްޕާ އިން ފޯރުކޮށްދޭ މަޢުލޫމާތުގެ ސިއްރު ހިފަހެއްޓުމުގެ ގޮތުން، ޕޯޓަލްގައި ރަޖިސްޓްރީވާއިރު ސިއްރު ހިފަހައްޓާނެކަމުގެ އެއްބަސްވުމެއްވެސް ހަދަންޖެހެއެވެ.

"މަގޭ ހިޔާވެހި" ޕޯޓަލްގައި މިހާތަނަށް 9،700 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފައެވެ. ކުރިއަށް އޮތް ހައުސިންގ ސްކީމްތަކަށް "މަގޭ ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ. މި ސްކީމް ދަށުން ކިއުގައި ނުޖެހި ހައުސިންގ ސްކީމްތަކަށް ފޯމް ހުށަހެޅުމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެއެވެ.