ވިޔަފާރި

އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާކަމަށް އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ 55 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ 2019 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 400 މިލިއަން ރުފުޔާ ލިބުނުއިރު ކުންފުނީގެ އަމާޒަކީ މިއަހަރުތެރޭ ކުންފުނީގެ ފައިދާ 500 މިލިއަން ރުފިޔާއަށް އިތުރުކުރުންކަމަށެވެ. އަމްރު ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށްޓަކައި މިއަހަރުގެ ތެރޭ ގިނަ މަސައްކަތްތައް ކުރައްވާނެކަމަށާއި އުއްމީދަކީ މި ކުރިއެރުމާއެކު ކުންފުނީގެ މުސާރާއިގެ އޮނިގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުންކަމަށެވެ.

"އެސްޓީއޯއަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާގެ ފައިދާ ޖެހިފައިވޭ. މިއަހަރަށް ޓާގެޓް ކޮށްފައިވަނީ 500 މިލިއަން ރުފިޔާގެ ފައިދާ ހޯދުމަށް. އަޅުގަނޑުގެ އުއްމީދަކީ މިއަހަރު ޓާގެޓްކޮށްފައިވާ 500 މިލިއަން ރުފިޔާއަށް ވާސިލްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް މިއަހަރުގެތެރޭގައި މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނައުން." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން 3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 95 މިލިއަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާރތަރުގައި ލިބުނު 76.6 މިލިއަން ރުފިޔާއަށް ވުރެން %23 އިތުރު ޢަދަދެކެވެ.

3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބުނީ 6.97 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 131 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.

2019 ވަނަ އަހަރު ލިބުނު ފައިދާ 400 މިލިއަނަށް އަރާކަމަށް އެސްޓިއޯއިން ބުނެފައިވީނަމަވެސް ފައިދާ އިތުރުވި ސަބަބެއް އެސްޓީއޯއިން ހާމަކޮށްފައެއް ނުވެއެވެ.