ޚަބަރު

ޖިންސީ އަނިޔާކުރުން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަނީ


ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ކަމާގުޅޭ ޑިޕާޓްމަންޓްތައް ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އިތުރުވެ، ޢާއްމުވެފައިވާ މިންވަރު އަންގައިދީ ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޚާއްސަ ރިޕޯޓެއް ފުލުހުންގެ ކަމާގުޅުން ހުރި ހުރިހާ ޑިޕާޓްމަންޓްތަކަށް ވަނީ ހިއްސާކޮށްފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ފުލުހުންގެ ކަމާގުޅުންހުރި ޑައިރެކްޓްރޭޓްތަކާ ކޮމާންޑްތަކާ ޑިޕާޓްމަންޓްތައް ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހު، އެކަމާގުޅިގެން ކުރެވެން ހުރި ކަންކަމުގެ މަސައްކަތް ޢަމަލީގޮތުން މިއަދު ވަނީ ފަށާފައެވެ. މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ މިރިޕޯޓްގައި އަލިއަޅުވާލެވިފައިވާ ފަދައިން، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާތީ، އެކަމާއި ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމުކަން ފާހަގަކޮށްފައެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ މިރިޕޯޓުގައި ހިމެނިފައިވާ ބައިތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ނުވަތަ އަނިޔާ ކުރުން އާންމުވެފައިވާ މިންވަރުގެ އިތުރުވެފައި ވުމާ، ކުށުގެ މާހައުލާއި ކުށުގެ ތަފާސްހިސާބާއި މައްސަލައިގެ މިހާރުގެ ހާލަތު ބަޔާންކޮށްދޭ ތަފާސްހިސާބާއި، ކުށް މަދުކުރުމުގެ ގޮތުން މިހާރުން މިހާރަށް އަދި ކުރިއަށް އޮތް ތަނުގައި އެޅިދާނެ މުހިއްމު ފިޔަވަޅުތައް ހިމެނިފައިވެއެވެ. ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސުން މިފަދަ ރިޕޯޓެއް އެކުލަވާލުލުމުގެ މަޤްސަދަކީ ކުޑަކުދިންނަށް ޖިންސީ ގޮތުން އަނިޔާކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، މި ޢަމަލު ހުއްޓުވުމާއި، ތަކުރާރުކޮށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުންކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްޤުތައް ހޯދައިދިނުމުގައި ފުލުހުންނާއި، ޤާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ރިޕޯޓްގައި އަލިއަޅުވާލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އިސްވެ ޗެއަރ ކުރެއްވި މިބައްދަލުވުމުގައި، ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ އިސްފަރާތްކާއި، ކްރިމިނަލް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ އިސްފަރާތްތަކުގެ އިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްވެރިން ވަނީ ބައިވެރިވެފައިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގުޅުން ހުރި ޑިޕާރޓްމަންޓްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މިރިޕޯޓް ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.