ޚަބަރު

ހުރިހާ އިންތިޚާބެއް އެއް ދުވަސްވަރެއްގައި ބާއްވައިފިނަމަ ތަރައްޤީ އަވަސްވާނެ - ރައީސް


ހުރިހާ އިންތިޚާބެއް އެއް ދުވަސްވަރެއްގެ ބާއްވައިފިނަމަ ޤައުމުގެ ތަރައްޤީ އަވަސްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން އުތުރުގެ ބައެއް ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުގެ ތެރެއިން ހދ.ނޮޅވަރަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ތަރައްޤީ ގެނައުމުގައި ސަރުކާރުން ފަސް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. މި ސަރުކާރަކީ ޝަކުވާ އަޑުއަހާނެ ސަރުކާރެއްކަމަށާ، ކައުންސިލްތަކަށް އިންތިޚާބުވާ ބޭފުޅުންނަކީ ރަށުގެ ރައްޔިތުންގެ އަޑު އުފުލޭނެ ވަރުގެ ބަޔަކަށް ވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އިންތިޚާބުތައް އެކި ދުވަސްވަރުގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިހާރުވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ކަންކަން ހިންގުމުގައި ލަސްވާކަމެއް. ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބު އެއް ދުވަސްވަރެއްގެ ބޭއްވުމުން ތަރައްޤީ އަވްސްވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކުރާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ.އާއި ހދ.ގެ ބައެއް ރަށްރަށަށް ދަނީ ދަތުރުކުރަމުންނެވެ. އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޙާއްސަކޮށްގެން ބާއްވާ "އިރުވައި ކޮންފަރެންސް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބާއްވާ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމާލުމައްފަހު އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.