ޚަބަރު

ފްލެޓްތަކުގެ ޖޫރިމަނާ މާފުކުރި މައްސަލަ ތަޙްޤީޤުކޮށްދޭން އޭސީސީއަށް ހުށައަޅައިފި


ހުޅުމާލޭގައި ޢިމާރާތްކޮށްފައިހުރި ފްލެޓްތަކަށް ފައިސާ ނުދެއްކި ގިނަދުވަސް ވުމުގެސަބަބުން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަނެޓް ކޯޕަރޭޝަނުން ކުރިން ނިންމާފައިވާ މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭތީ އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް ބުނެ ފެލްޓްތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ނިންމިކަން އެ ކުންފުނިން ހާމަކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ވެރިކަމުގައި ރިޔާސީ އިންތިޚާބަށް ދެ ދުވަހަށްވެފައިވަނިކޮށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު މިއަދު ވިދާޅުވީ ޖޫރިމަނާ މާފުކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިނުވާކަން އެކުންފުނީގެ އިންޓާނަލް އޮޑިޓުން ފާހަގަ ކުރެވުނުކަމަށެވެ. އަދި އެޢަމަލުގެ ސަބަބުން ކުންފުންޏަށް 40 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. އެހެންވެ އޭރު އެޢަމަލު ހިންގިއިރު އެޗްޑީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ބުންޔާމީންގެ މައްސަލަ ބަލާދޭން ހުށައަޅާފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވިގޮތުގައި އެކުންފުނީގެ އިންޓާނަލް އޮޑިޓުން ފާހަގަ ކުރެވުނު ކަންކަމުގެ ތެރެއިން ތަހްޤީޤު ކުރުމަށް އޭސީސީއަށް ފޮނުވާފައިވަނީ އެ މައްސަލަ އެކަންޏެވެ. ނަމަވެސް އެކުންފުނީގެ ތެރޭގައި މީގެ ކުރިން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގައި ބައިވެރިވެ އެ އަމަލުތައް ހިންގި ކަމަށް ތުހްމަތު ކުރެވުނު ބައެއް ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.