ޚަބަރު

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް މާދަމާ މުޅިން ނިންމޭނެ - ހެރިޓޭޖް


ދުއިސައްތަ އަހަރުވެފައިވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް މާދަމާ ނިންމޭނެކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްހެރިޓޭޖުން ވިދާޅުވެއްޖެއެވެ. މިމިސްކިތަކީ ގަލުވަޑާމުގެ ފަންނުވެރި މަސައްކަތް ފެނިގެންދާ އާޘާރީ މިސްކިތެކެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މިމިސްކިތް އަލުން ރާވަން ފަށާފައި މިވަނީ މިސްކިތް ރޫޅާލައިގެން ނަގައި މިސްކުތުގެ ބައިތައް ތަނެއްގައި ބަހައްޓާފައި ހުންނަތާ 2 އަހަރު ފަހުންނެވެ.

ކަޅުވަކަރު މިސްކިތް ރޭވުމާގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވިދާޅިވީ ކަޅުވަކަރު މިސްކިތުގެ ގެއްލުން ލިބިފައިހުރި ގާތަށް ހަދައި، މާދަމާ މިސްކިތް އެއްކޮށް ރާވާ ނިމޭނެ ކަމަށެވެ.

ޠާރިޤް ވިދާޅުވީ ސަލްޓަންޕާކުން މިސްކިތް ނެގުމުން މިސްކިތުގެ ގާތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ގާތަކުގެ ޑިޒައިނަށް ބަލާ އެގޮތަށް ހިރިގަލުގައި ޑިޒައިންކޮށް މިސްކިތް ރޭވުމުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ކަޅުވަކަރު މމިސްކިތުގައި ލަކުޑީގެ ގޮތުގައި ބޭނުން ކޮށްފައިވަނީ ހައިވަކަރާއި ކަޅު ވަކަރެވެ. މިގޮތުން ހައިވަކަރު ބޭނުންކޮށްފައިވާނީ ކުރިން ކަޅުވަކަރުން ހަދާފައިހުރި ތަންތަން އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢޫލޫމާތު ދެއްވައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިސްކިތު ގޯތި ތެރޭގައި މީގެ ކުރިން ވުޟޫ ކުރުމަށް ބޭނުންކުރި ވަޅު މިސްކިތުގެ މަސައްކަތް އެއްކޮށް ނިމުމުން ހުންނާނެ ކަމަށެވެ.

"ވަޅު އަދި ބެހެއްޓިފައި ނުވަނީ މިސްކިތް ރޭވުމަށް ހަދާފައި ހުރި ހަރުގެއަށް ވަޅު ފައްތަން ކޮނުމުން ލޮޅުން އަރާނެތީ . ނަމަވެސް ހަރުގެ ރޫޅާލުމާއެކީ ވަޅު ބެހެއްޓުމުގެ މަސައްކަތް ފަށާނެ. ވަރަށް އަވަހަށް ހަރުގެ ރޫޅާލުމަށްފަހަ ވަޅު ބެހެއްޓުމާއި މިސްކިތުގެ ގޯތިތެރި ރީތިކުރަންފަށާނެ" ޠާރިޤް ވިދާޅުވިއެވެ.

މުޅި ކަޅުވަކަރު މިސްކިތުގައި ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ބޭނުންކޮށްފައިވެއެވެ. މިސްކިތް ރޭވުމުގެ މަސައްކަތުގެ ދަށުން މިސްކިތުގެ ގަލުގެ ބައިތަކާއި ލަކުޑީގެ ބައެއް ބައިތައް ފަނި ބޮއެ ހަލާކުވަނިކޮށް، އެތަކެއްޗަށް ދޭންޖެހޭ ފަރުވާދީ ހަލާކުވެފައި ހުރި ތަންތަން ވަނީ މަރާމާތުކޮށްފައެވެ.

200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރައްދީން، އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް މީގެކުރިން 3 ތަނަކަށް ބަދަލުކޮށްފައިވެއެވެ. މިމިސްކިތް ފުރަނަފުއްޓަށް ވިއްކާލާފައިވެސްވެއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިސްކިތް އަނބުރާ ހޯއްދަވައި ގެނެސް ބަހެއްޓީ ސަލްޓަން ޕާކުގައެވެ.

މިސްކިތް މިހާރު ބަހައްޓަނީ ކުރީގެ ދިރާގުހުރި ބިމުގައެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ރަސްމީކޮށް ހުޅޫވާނެ ތާރީޚެއް އަދި ނޭގެއެވެ. މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ނަމަވެސް، މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.