ޚަބަރު

ރިޟްވާން ގެއްލުނު މައްސަލައިގެ ތަޙުޤީޤު


މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟްވާން އަބްދުﷲ ގެއްލުނު ޙާދިސާޔާ ގުޅިގެން، މީގެ ކުރިން ހައްޔަރުކޮށްފައިވާ އެއްވެސް މީހަކާއި އެމައްސަލައާ ގުޅުމެއް ނެތް ކަމަށް ފުލުހުން އެއްކުރި ސާމްޕަލްތަކުގެ ތަހުލީލު ރިޕޯޓްތަކުން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މ.ޝައިނިންގ ސްޓަރ އުމުރުން (28އ) އަޙުމަދު ރިޟްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނުތާ އެއް އަހަރު ފުރެން ގާތްވެފައި ވަނިކޮށް ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރިޟްވާން ގެއްލުނު މައްސަލައާ ގުޅުންހުރިކަމަށް ބެލެވިގެން ފުލުހުން ބަލާ ފާސްކުރި 03 ކާރުން ސާމްޕަލް ނަގާ ފޮރެންސިކް ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައި އޭގެ ނަތީޖާ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ދިރާސާކޮށް ބެލިބެލުމުން، ކާރުން ނެގުނު ސާމްޕަލްތަކުން މައިޓޮކޮންޑްރިއަލް ޑީ.އެން.އޭ ތަހުލީލްކުރުމުން، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގިކަމަށް ބުނާ ޙާދިސާއާއި އަޙުމަދު ރިޟްވާން އަބްދުﷲއާ ގުޅުން އޮތް ކަމަށް ކަށަވަރުކަމާއެކު ބުނެވެން ނެތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.މިމައްސަލައިގެ ތުޙުމަތުގައި މީގެ ކުރިން ހައްޔަރުކުރި އެއްވެސް މީހަކާއި ގުޅުމެއްވާ ކަމުގެ ހެއްކެއް ތަހުލީލްތަކުން ލިބިފައި ނުވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. ފުލުހުން ބުނީ، މިމައްސަލައާ ގުޅުހުންހުރި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައްވެސް ފުލުހުން ބަލަމުންގެންދާ ކަމަށެވެ.

މިމައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް 198 މީހަކާ ސުވާލުކޮށް މައުލޫމާތު ހޯދާ 80ށްވުރެ ގިނަ މީހުންގެ ތަޙުޤީޤު ބަޔާން ނަގާފައިވާއިރު، ހުޅުމާލޭގައި ރިޟްވާން އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މައުލޫމާތު ހޯދާ އެއްކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޟްވާން ހޯދުމަށާއި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތުގައި މާލެއާއި ހުޅުމާލޭގޭ އެކި ސަރަޙައްދުތައް ހިމެނޭ ގޮތަށް 30ށްވުރެ ގިނަ ތަނަކުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދާ އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އަދި އެހެނިހެން މާއްދީ ހެކިތައް ހޯދާ އެތަކެތި އެނަލައިޒް ކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހުޅުމާލޭގެ 50ށްވުރެ ގިނަ ތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ފުލުހުން ހުއްޓާލާނީ އަޙުމަދު ރިޟްވާން އަބްދުﷲ އާބެހޭ ސައްޙަ މައުލޫމާތު އިތުބާރުހުރި ގޮތެއްގައި ފުލުހުންނަށް ލިބި އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.މައްސަލައިގެ އެއްވެސް މައުލޫމާތެއްގެ ފޮޓޯއެއް ނުވަތަ ވީޑީއޯއެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތާއި ތަކެތި ފުލުހުންނާ ޙިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.