ވިޔަފާރި

މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު


މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު 4.5 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ރާއްޖެއަށް 95،300 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 91،200 ފަތުރުވެރިންނެވެ. އަދި މިއާއެކު މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފަސްލައްކަ ހަތާވީސް ހާހަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %1.8ގެ ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ  ފަސްލައްކަ އަށާރަހާސް ފަތުރުވެރިންނެވެ.ތަފާސް ހިސާބްތައް ދައްކާގޮތުން މޭ މަހު ރާއްޖެއަށް އެއްމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމަކީ ޗައިނާއެވެ.  ޗައިނާއިން ރާއްޖެއަށް ތިރީސްހާސް އަށްސަތޭކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މޭ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %32 އިންސައްތައެވެ.ރާއްޖެއަށް އެއްމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އޭޝިއާ އަދި ޕެސިފިކްގެ ޤައުމްތަކުންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަންސާސް ފަހެއް އިންސައްތަ ހިއްސާކުރަނީ އެސަރަހައްދުގެ ފަތުރުވެރިންނެވެ. މިއަހަރުގެ މޭ މަހު އޭޝިއާއާ ޕެސިފިކްގެ ގައުމްތަކުން ރާއްޖެއަށް ފަންސާސް ދެ ހާސް އަށް ސަތޭކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު %4.9 އިތުރު އަދަދެކެވެ.މަހުން މަހަށް ބަލާ އިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިއާއާ ޕެސިފިކްގެ ގައުމްތަކުން ކަމުގައި ވިޔަސް މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރޭގައި ގިނައީ ޔޫރަޕްގެ ސަރަހައްދުގެ ޤައުމުތަކުން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ. އެހެން ނަމަވެސް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ ދަށްވަމުންކަން ތަފާސް ހިސާބުތަކުން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް ޔޫރަޕުން ރާއްޖެއަށް ދެލައްކަ ފަންސާސް ތިންހާސް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ %1.8 ދަށަށް ގޮސްފައެވެ.