ޚަބަރު

އައްޑޫ ދަމަނަވެށިން ގެއްލުނު ތައްގަނޑު ފަޅުރަށަކުން


އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށީގެ އޮފީހުން ގެއްލުނު އިދާރީ ލިއުންތަކުގައި ޖަހާ ދައްގަނޑު ނުވަތަ އެޑްމިނިސްޓްރޭޓިވް ތައްގަނޑު ގދ.އަތޮޅުގެ ފަޅުރަށަކުން ފެނިއްޖެއެވެ.

އައްޑޫ ދަމަނަވެށީގެ އިދާރީ ތައްގަނޑު އެ އިދާރާއިން ގެއްލުނުކަން އެންގުނީ މިދިޔަ މަހުގެ 26 ވަނަދުވަހުއެވެ. ފުލުހުން ވިދާޅުވީ މި ތައްގަނޑު މިމަހުގެ 4 ވަނަދުވަހު ގދ ގެ ފަޅުރަށެއްކަމަށްވާ ކުރިކޭމާހުއްޓާ ފެނިފައިވާކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތު ލިބުނީ މިއަދުގެ ވަގުތެއްގައިކަމަށްވެސް ފުލުުހުން ވިދާޅުވެއެވެ.

އައްޑޫ ދަމަނަވެށިން ވައްކަން ކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. މި ވައްކަމުގައި އެ އޮފީހުގެ ތައްގަނޑާއި، ތައްގަނޑުގެ ކޮޕީއާއި ދަމަނަވެށިން ބަލަހައްޓަމުން އަންނަ ކަންކަމުގެ ލިޔެކިޔުންތައް ހުންނަ ކޮމްޕިއުޓަރ ސިސްޓަމެއްވެސް ވަނީ ގެއްލިފައެވެ.

ދަމަނަވެށީގެ ތައްގަނޑު ގެއްލުނު މައްސަލަ ބަލަން ފަށާފައިވަނީ އައްޑޫ ސްކޫލަކުން ވެކްސިން ޖެހުމާއި ނުލައި ކުދިން އެ ސްކޫލަށް ވައްދަމުންދާ މައްސަަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ވެކްސިން ނުދީ ހުރި ތުއްތު ކުއްޖަކު ހިމަ ބިއްސަށް ފޮޒިޓިވެ އެކަން ބަލަމުންވެސް ދާ ދަނޑިވަޅެއްގައެވެ.

ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ތިން އަހަރުގެ ފިރިހެން ކުއްޖަކަށްވަނީ ފަރުވާދީފައެވެ. އަދި އޭގެ ފަހުން 30 އަހަރުގެ ދިވެހި ފިރިހެންނެއްވެސް ވަނީ ހިމަބިއްސަށް ފޮޒިޓިވްވެފައެވެ.

ހިމަބި ރާއްޖެއިން ފެނުނުކަން ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މި ބަލީގެ އިތުރު އަލާމާތެއް ފެނިފައިވޭތޯވެސް އެ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.