ޚަބަރު

ވެކްސިންއާއި ދެކޮޅަށް މަސައްކަތްކުރާ ވައިބަރ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަނީ


ވެކްސިންގ ދިނުމާއި ދެކޮޅަށް މަސައްކަތްކުރާ ވައިބަރ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަމުންދާކަމަށް އެއިދާރާއިން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ވެކްސިން ދިނުމާއި ދެކޮޅަށް އާއްމުންނަށް މަޢުލޫމާތުދޭ ވައިބަރ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަަލައާއި ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ވެކްސިންއާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ވައިބަރ ކޮމިއުނިޓީ ގްރޫޕެއް އޮންނަކަމަށް މީގެކުރިންވެސް ވާހަކަދެކެވިފައިވެއެވެ. މިގްރޫފް މެދުވެރިކޮށް، ވެކްސިން ޖެހުމަށް މީހުން ފަސްޖެހޭނެފަދަ ވާހަަކަތައްދަނީ ފަތުރަމުންނެވެ. އަދި މިފަދަ ޚިޔާލުތައް މީހުންގެ ތެރޭގައި ފެތުރުމަށްވެސް މިފަދަ ފަރާތްތަކުން މަސައްކަތް ކުރަމުންދެއެވެ. މިފަދަ ޚިޔާލު ގެންގުޅޭ މީހުން، އެމީހުންގެ ދަރިންނަށްވެސް ވެކްސިން ނުދީ ގެންގުޅެމުންދާކަން ފާހަގަވެފައިވާކަމުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީއަށްވެސް ލިބިފައިވާކަމަށް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ވެކްސިންއާއި ދެކޮޅުހަދާ މީހުންގެ ތެރޭގައި ދީނީ ހަރުކަށި ފިކުރުގެ ސަބަބުން ވެކްސިންގ ނުދޭ މީހުންވެސް ހިމެނެއެވެ. މިގޮތަށް ވެކްސިން ނުދީތިބި ކުދިންތަކަކަށް ދާދިފަހުން ޖެންޑަރ މިނިސްޓްރީ މެދުވެރިކޮށްވެސް ވަނީ ވެކްސިން ދީފައެވެ.

އަދި ވެކްސިންގ ނުދީ އޮޅުވާލައިގެން ސްކޫލަށް ކުދިން ވައްދާ މައްސަލައެއްވެސްވަނީ ފެންމަތިވެފައެވެ.