ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް އިއްވާފާއިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މިމަހުގެ 28 ގައި ފެށުމަށް ހައިކޯޓުން ތާވަަލުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށްސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިޔަން ޑޮލަރު ( 77 މިލިއަން ރުފިޔާއިން ) ރައީސް ޔާމީން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ދަށުކޯޓްގެ ނިމުން އިސްތިއުނާފުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށައަޅާފައިވަނީ ނޮވެމްބަރ 30 ވަނަ ދުވަހުގެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަކުރެއްވުމުގެ ކުށް ސާބިތުބެފައިވާތީ ކުށުގައި ހިމެނޭ ފައިސާ ބޭނުންކޮށްގެން ފައިދާއެއް ލިބިފައިވާނަމަ އެ ފައިދާ އެއްވެސް ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ވަނީ ކޯޓަށް ހުށައަޅާފައެވެ. އަދި މި ފައިސާ ނަގަން ހުށައަޅާފައިވަނީ ޖިނާއީ އިޖްރާއަތުގެ ޤާނޫނާއި މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންކަމަށެވެ.
އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމަށް ޔާމީންގެ ފަރާތްޕުޅުންވަނީ ހައިކޯޓަށް ހުށައަޅާފައެވެ. އެކަމާއި މެދު ކޯޓުން ވަކިގޮތެއް ނިންމާފައިނުވާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަނީ ލޯންޑަރކުރުމުގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކުއުންޓަށް ޖަމާކުރި އެއް މިލިިއަން ޑޮލަރުގެ އަސްލު އޮޅުވާލާ މަންފާ ހޯދިކަން ސާބިތުވުމުންނެވެ.