ޚަބަރު

ހިމަ ބިއްސަށް ޝައްކުކުރެވޭ އިތުރު މީހަކު ނެތް، އަތޮޅު ތެރޭގައިވެސް ދަނީ ސްކްރީން ކުރަމުން: ހެލްތު މިނިސްޓަރ


ހިމަ ބިއްސަށް ޝައްކުކުރެވޭ އިތުރު މީހަކު މިވަގުތު ނެތްކަމަށާއި، އެބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް އަތޮޅުތެރޭގައިވެސް ކުރިއަށް އެބަ ގެންދާކަމުގައި ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން އަތޮޅުތަކުން ހިމަބިހިގެ އެއްވެސް އަސަރެއް ފެނޭތޯ ބެލުމަށް މަސައްކަތް ފަށާފައިވާކަމަށާއި، އަތޮޅުތެރޭގައި އެބަލި ފެތުރިފައިވާކަން ނުވަތަ އެފަދަ އަލާމާތެއް ހުރިކަން ނުވަތަ ނޫންކަން މާދަމާގެ ނިޔަލަށް ކަށަވަރު ކުރެވޭނެކަމަށްވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ވަނީ ދެ މީހެއްގެ ގައި ހިމަބިހި ފެނިފައިވަތީ އެކަމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ.

ރާއްޖެއިން މުޅިން ނައްތަލެވިފައިވާ ހިމަބިހި އަލުން ރާއްޖެއިން ފެނުމާއި ގުޅިގެން، މިކަމުގެ މަޢުލޫމަތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ފުރަތަމަ ފެނުނު 2 މީހުންގެ ފަހުން، ހިމަބިހި ޖެހިފައިވާ އިތުރު މީހަކު އަދި ފެނިފައި ނުވާކަމަށެވެ.

ނަމަވެސް އެބަލީގެ އަލާމާތްތަކާއި ގުޅުންހުރި އެއްވެސް އަލާމަތެއް ހުރި މީހަކު ފެނުނު ނަމަވެސް، އެމީހަކު ހިމަބިއްސަށް ޓެސްޓް ކުރަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

" ފުރަތަމަ 2 ކޭހަށްފަހު މިބަލީގެ އިތުރު ކޭހެއް ފެނިފައެއް ނުވޭ. ހުމުގެ އަލާމާތްތަކަކައި ގުޅިގެން އިތުރު 10 މީހަކު އެބަ ޓެސްޓްކުރަން. އެޓެސްޓްތަކުގެ ނަތީޖާ މިއަދު މެންދުރު ފަހު ލިބޭނެ. " އަމީން ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ ޚާއްސަ އިސްކަމެއް ދީގެން އަތޮޅުތަކުގެ ޙާލަތުވެސް ދެނެގަތުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކާއި މިނިސްޓްރީ ގުޅިގެން، މިކަން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

އަދި ހިމަބިއްސަށްދޭ ވެކްސިން ޖަހާފައިވާ މީހުންގެ ނިސްބަތާއި، އަދި ވެކްސިން ނުޖަހާ މީހުންގެ މަޢުލޫމާތުވެސް ހޯދަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ރަށްރަށާއި ގުޅިގެން މިބަލަނީ ރަށަކުން ހިމަބިހި، ނުވަތަ މިފަދަ އަލާމާތެއް ފެނިފައިވޭތޯ. އަދި ވެކްސިން ޖެހި މީހުންނާއި ނުޖަހާ މީހުންގެވެސް މަޢުލޫމާތު އެބަ އެއްކުރަން. މާދަމާގެ ނިޔަލަށް ހުރިހާ ރަށްތަކެއްގެ މަޢުލޫމާތު އެއްކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވަނީ ވެކްސިން ދީފައިވާ މީހުންނާއި، އަދި ނުދޭ މީހުން އެނގޭނެގޮތަށް އެކަށީގެންވާ މަޢުލޫމާތު އެއްކުރެވިފައި ނެތުން ކަމަށެވެ. ހިމަބިއްސާ ދެކޮޅަށް މިހާރު މި ފަށާފައިވާ މަސައްކަތުގެ ދަށުން މި މަޢުލޫމާތު ރައްކާކުރާ ޚާއްސަ ޑާޓާބޭސްއެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.