ކުޅިވަރު

ސިޓީ އާއި ލިވަޕޫލާމެދު ހަސަދަވެރިއެއްނުވަން: މޮރީނިއޯ


މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާމެދު އޭނާ ހަސަދަވެރިނުވާ ކަމަށް ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ލީގުގެ ކުރީގައި އޮތް ދެ ޓީމާ އެއްވަރަށް ޓޮޓެންހަމް ގެންދެވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.

"އަހަރެން އެ ދެ ޓީމާމެދު ހަސަދަވެރިއެއްނުވަން. ގަބޫލުރަންޖެހޭ ހަގީގަތަކީ އަހަރެންގެ ޓީމަކީ އެފެންވަރުގެ ޓީމެއްނޫންކަން. ސިޓީގެ ބެންޗަށް އަހަރެން ބަލާލިން. ތިބީ ރަހީމް ސްޓާލިން، އިކާއީ ގުންޑޮގަން، ޖެސޫސް ފަދަ ތަރިން. ލިވަޕޫލާ ދެކޮޅަށް ކުޅުނުއިރު އެ ޓީމުގެ ބެންޗުވެސް ވަރުގަދަ. އަދި އަނިޔާގެ ސަބަބުން ނުކުޅެތިބި ކުޅުންތެރިންނަށް ބަލައިރު ވެސް ތިބީ ތަރިން. މިހެންވީމަ އަހަރުމެންނާ އެދެ ޓީމާ އަޅާނުކިޔޭނެ،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޓޮޓެންހަމަށް އަނިޔާގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށާއި ކެޕްޓަން ހެރީކޭން އަށް އަނިޔާގެ ސަބަބުން މި އަހަރުގެ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ގެއްލިދާނެ ކަމަށެވެ.

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ޓީމުގައި ހުންނާނެތޯ އެހުމުން މޮރީނިއޯ ސީދާ ޖަވާބެއް ނުދިނެވެ. އޭނާ ބުނީ އެކަން އޮތީ ކުޅުންތެރިޔާގެ އަތްމަތީގައި ކަމަށެވެ.

"ތި ސުވާލު މީގެ ހަތަރު އަހަރު ކުރިން ކުރިނަމަ އަހަންނަށް ވަރަށް ފަސޭހަވާނެ ޖަވާބުދޭން. ކުރިއާއި މިހާރުގެ ހާލަތު ވަރަށް ތަފާތު. ކުރިން އޭނާގެ އޮތް ހަތަރު އަހަރުގެ ކޮންޓްރެކެޓެއް. މިހާޜު އޮތީ ހަމަސް ދުވަހުގެ ކޮންޓްރެކްޓެއް. ހަތަރު އަހަރު ތެރޭގައި ކުޅުންތެރިން ހެދިބޮޑުވެ ވިސްނުން ތަފާތުވާނެ،" މޮރީނިއޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އެރިކްސަން ވަނީ އިޓަލީގެ އިންޓަމިލާނަށް ބަދަލުވާން ނިންމައިފަ އެވެ. އަދި ޓޮޓެންހަމުގެ ކޮންޓްރެކްޓްގެ އާނުކުރަން އޭނާ ނިންމާފައިވާއިރު މި މަހު އޭނާ ވިއްކާނުލައިފިނަމަ ޓޮޓެންހަމަށް އޭނާ ވިއްކާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު ގެއްލިދާނެ އެވެ.