ވިޔަފާރި

ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިންނަށް އިތުރު ތަމްރީންގެ ފުރުޞަތުތައް ހޯދައިދިނުމަށް މަޝްވަރާކޮށްފި


ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިންނަށް އިތުރު ތަމްރީންގެ ފުރުޞަތުތައް ހޯދައިދިނުމަށް އިންޑިއާގެ ނޫރުލް އިސްލާމް ޔުނިވާރސިޓީގެ އޮފިޝަލުންނާއެކު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލު މަޝްވަރާކުރައްވައިފިއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މިނިސްޓަރ މަލީހް ބޭއްވެވި މަޝްވަރާތައް ކުރިއަށްދިޔައީ، ނޫރުލް އިސްލާމް ޔުނިވާރސިޓީގެ ޕްރޯ ޗާންސެލާ އެމް.އެސް ފައިޒަލް ހާން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ މަލީހުއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ކޮމްޕިއުޓިން އަދި އިންޖިނިއަރިން ދާއިރާ ހަރުދަނާކޮށް، ފުޅާކުރުމަށް ދެފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން މައުލޫމާތުދެއެވެ. ހާއްސަކޮށް ސްޕޭސް އިންޖިނިއަރިންގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށާއި މިދާއިރާއާބެހޭ ހާއްސަ ތަމްރީންތައް ރާއްޖޭގެ ޒުވާނުންނަށް ދިނުމާ ބެހޭގޮތުންވެސް މަޝްވަރާތައް ކުރެވުނުކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް ނޫރުލް އިސްލާމް ޔުނިވަރސިޓީއާއެކު މަޝްވަރާތައް ކުރިއަށްގެންދިޔައިރު، އެ ޔުނިވަރސިޓީއަކީ ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނާއި ތައުލީމުގެ ކޯސްތައް ހިންގުމުގައި ފާހަގަކޮށްލެވޭ ޔުނިވަރސިޓީއެކެވެ.

ނޫރުލް އިސްލާމް ޔުނިވަރސިޓީގެ އިތުރުން، ރާއްޖޭގެ ޒުވާނުންނަށް ޓެކްނޮލޮޖީއާއި ގުޅުންހުރި އެކި ދާއިރާތަކުން ތައުލީމީ އަދި ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ދަނީ އެކި ފަރަތްތަކާއެކު މަޝްވަރާކުރަމުންނެވެ.