ޚަބަރު

ލަކްސް ސައުތު ރިސޯޓުން ކުޑަކުދިންގެ ހިޔާތަކަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި


ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް 14000 އެމެރިކާ ޑޮލަރު ނުވަތަ ދެލައްކަ ފަނަރަ ހާސް ރުފިޔާ ހަދިޔާކުރައްވައިފިއެވެ.

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި އެ ރިސޯޓުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޮނަސް އަމްސްޓަޑްއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ ޝިދާތާ ޝަރީފެވެ.

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުން މަޢުލޫމާތު ދޭ ގޮތުގައި ޖެންޑަރ މިނިސްޓްރީއާ ޙަވާލުކުރެވުނު 14 ހާސް ޑޮލަރުގެ ތެރެއިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް 7000 ޑޮލަރު އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތިއަށް 7000 ޑޮލަރު ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާން، ރައްކާތެރި އަދި ދިރިއުޅުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމުގެ މަތިން ދެއްވާ މި ފަދަ އެހީތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 155 ކުދިން ދިރިއުޅެމުންދާއިރު، މި ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތިގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.