ޚަބަރު

ވެކްސިން ނުދޭ ކުދިން ސްކޫލްތަކުގައި ތިބިކަމަށް ފާހަގަ ކުރެވިފައެއް ނުވޭ - އެޑިއުކޭޝަން


ސްކޫލަށް ކުދިން ވެއްދުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބޭ މަޢުލޫމާތަށް ބަލާއިރު ވެކްސިންގ ނުޖަހާ ކުދިން ސްކޫލަށް ވައްދާކަން ފާހަގަވެފައި ނުވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުދިން ސްކޫލަށް ވައްދާއިރު ވެކްސިންގ ޖެހިކަން ކަށަވަރު ނުކޮށް ކުދިން ވައްދާ 2 ސްކޫލެއް ފާހަގަވެފައިވާކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ސްކޫލަށް ވެއްދުމުގެ ކުރިން ވެކްސިންގ ދީފައިވާ ކުއްޖެއްކަން ޔަގީންކުރުން، ސްކޫލްތަކުގެ އެންރޯލްމަންޓް ޕޮލިސީގައިވެސް ހިމަނާފައި ވާނެކަމަށެވެ. އޭގެތެރޭގައި ސަރުކާރުގެ 212 ސްކޫލްގެ އިތުރުން ޕްރައިވެޓް ސްކޫލްތަކުގެ މަޢުލޫމާތުވެސް މިނިސްޓްރީން ބަލަހައްޓަމުންދާކަމަށް އިހްސާން ވިދާޅުވިއެވެ.

"ވަކި ޚާއްސަ ސްކޫލަކަށް މިގޮތަށް ކުދިން އެންރޯލް ކުރާކަމެއް އެނގިފައެއް ނެތް. ސަރުކާރުގެ 212 ސްކޫލާއި ޕްރަައިވެޓް ސްކޫލްތަކުގެ މަޢުލޫމާތުތައްވެސް އަޅުގަނޑުމެންނަށް ލިިބޭ. ކަނޑައެޅިގެން މިގޮތަށް ކުދިން ވައްދަމުން ދާކަން ފާހަގަވެފައެއް ނުވޭ" އިހްސާން ވިދާޅުވިއެވެ..

ނަމަވެސް ބައެއް ޙާލަތްތަކުގައި ވެކްސިން ނުދޭ ކުދިން އުޅޭކަން ފާހަގަވެގެން އެޑިއުކޭޝަން މިނިސްޓްރީއިން އެކަން ބަލައި އެޗްޕީއާ ގުޅިގެން ވެކްސިން ދީފައިވާ ޙާލަތުވެސް ހުރިކަމަށް އިހްސާން ވިދާޅުވިއެވެ.

"މިދިޔަ އަހަރުން ފެށިގެން މިގޮތަށް ފާހަގަކުދިންނަށް ވެކްސިލް ދެމުން މި އަންނަނީ. ފާހަގަވޭ ބައެއް އާއިލާތަކުން ކުދިންނަށް ވެކްސިންގ ނުދޭކަން. އެއް އާއިލާއެއްގެ 2،3 ކުދިންވެސް ފެނޭ. މިފަދަ ކުދިން ފެންނަމަ އެކުދިންނަށް އަވަހަށް ބޫސްޓް ޑޯޒް(ވެކްސިން) ދެމުންދަނީ." އިޙްސާން ވިދާޅުވިއެވެ..


އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ވިދާޅުވީ ކުދިންގެ ވެކްސިންގެ މަޢުލޫމާތަކީ ސްކޫލައް ވައްދާއިރު ވަރަށް ބޮޑަށް ކަށަވަރު ކުރާ މަޢުލޫމާތެއްކަމަށެވެ.

"ކުދިން ސްކޫލަށް ވެއްދުމުގެ ގަވައިދުގައި، އެންރޯލްމަންޓް ޕޮލިސީގައި އޮންނާނެ ވެކްސިންގ ފުރިހަމަކޮށްގެން ނޫނީ ކުދިން އެންރޯލް ނުކުރާނެކަމަށް. ގްރޭޑް 1 ނޫނީ އެލްކޭޖީއަށް ވެއްދޭނީ މި މަޢުލޫމާތު ފުރިހަމަކޮށްގެން." މޫސާ އާދަމް ވިދާޅުވިއެވެ.

އައްޑޫ ސްކޫލަކާއި އަދި އިތުރު ސްކޫލެއްގައިވެސް ވެކްސިން ނުދީ ކުދިން ވައްދަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ހެލްތް މިނިސްޓްރީއިންވަނީ ބުނެފައެވެ. އަދި މިކަން އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ ގުޅިގެން ބަލަން ފަށާފައިވާއިރު، މިފަދަ އެއްވެސް ސްކޫލެއްގެ މަޢުލޫމާތު އިނގޭނަމަ އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމަށްވަނީ އެދިފައެވެ.