ޚަބަރު

މުފްތީ މެންކު އާއިއެކު ޒުވާނުންނާއި އިލްމުވެރިންނަށް ޚާއްސަ ފޯރަމެއް ބާއްވަނީ


މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި 3 ސަރަޙައްދުގައި ދަރުސް ދިނުމުގެ އިތުރުން، ޒުވާނުންނާއި އިލްމުވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރިއިން ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމާއި، ދީނީގޮތުން އުފެދޭ ޚިލާފުތަކުގައި ގޮތްނިންމުމަށް ދިމާވާ ދަތިތަކަށް ދީނީގޮތުން ޢަމަލުކުރަން އޮންނަ އުސޫލުތަކަށް މީހުން ހޭލުންތެރިކުރުމަށް ބާއްވާ ހަރަކާތްތަކެކެވެ.

މުފްތީ މެންކްގެ މިދަތުރުގެ ތެރެއިން އައްޑު އާއި އަދި ކުޅުދުއްފުށީގައި ދީނީ ދަރުސްތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިއަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމާއި ޒުވާނުންނަށް ބާއްވާ މަޝްވަރާ ފޯރަމެއްހެ އިތުރުން، އިލްމުވެރިންގެ މެދުގައި އުފެދޭ ޚިލާފުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ފޯރަމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މެންކްގެ ދަތުރުފުޅާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ، މި ހަރާކާތްވެގެން ދާނީ ދީނީ ކަންކަމާއި މެދު މީހުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް، ދީނީގޮތުން އެކަންކަން އޮންނަ ގޮތް އޮޅުންފިލުވުމަށް ލިބޭ މުހިންމު ފުރުސަތަކަށްކަމަށެވެ.

"މުފްތީ މެންކަކީ މުޅި ދުނިޔޭގައިވެސް ފުޅާ ދާއިރާއެއްގައި ދީނީ ޢިލްމު ފެތުރުމަށް މަސައްކަތްކުރާ ބޭފުޅެކެވެ. މި ދަތުރުފުޅުގައި އާއްމުކޮށް މުޖުތަމަޢުން މި ފެންނަ ކަންކަން، އަމަންއަމާންކަމާއި، މީހާގެ ޢަމަލުތައް ބަހައްޓާނި ގޮތާއި، ދީނީ ޚިލާފުވުންތަކާއި އަދި ދީނަށް ގޮވާލުމާއި ޓެރަރިޒަމާއި ގުޅުންހުރި ކަންކަމަށް ވާހަކަދައްކަވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މުފްތީ މެންކް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ ހަރާކާތްތައް:

  • މިރޭ 8.15ގައި އަލިމަސް ކާނިވާ ސަރަޙައްދުގައި ދަރުސްދިނުން
  • ބުދަ ދުވަހުގެ ރޭ 8.15ގައި އައްޑޫ ނޫރާނީ ސްކޫލްގައި ދަރުސްދިނުން
  • ބުރާސްފަތި ދުވަހުގެ ރޭ 8.15ގައި ކުޅުދުއްފުށީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރުސްދިނުން
  • މާލޭ އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދިނުން
  • ހުކުރު ދުވަހުގެ ރޭ ޒުވާނުންނަށް ޚާއްސަކޮށްގެން ފޯރަމް ބޭއްވުން
  • ހޮނިހިރު ދުވަހުގެ ހެނދުނު 8.30ގައި މާލޭގައި އިލްމުވެރިންނަށް ބާއްވާ ފޯރަމް

އިލްމުވެރިންނަށް ބާއްވާ ފޯރަމް އޮންނާނީ ދެ ދަންފަޅިއަށް ބަހާލައިގެން ހޮނިހިރު ދުވަހުގެ ހެންދުނު 8.30އިން 12.30އަށެވެ. މި ފޯރަމްގައި އެންމެ ބޮޑަށް އަލިއަޅުވައްލާނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފުތަކަށް މަޝްވަރާކުރުމަށެވެ.

މި ފޯރަމްގައި އިލްމުވެރިނަށް ސުވާލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޒުވާނުނަށް ބާއްވާ ފޯރަމަކީ ސްކޫލްތަކަށާއި، ކޮލެޖް ޔުނިވަރސިޓީއާއި، އަދި ޖަމިއްޔާތަކަށް ޢަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ސްކޫލްތަކުގެ ގްރޭޑް 9، 10، 11 އަދި 12ގެ ދަރިވަރުންގެ ތެރެއިން ބައިވެރިވާން ބޭނުންވާ ކުދިންގެ ނަން ނޯޓްކުރުމަށްވަނީ ހުޅުވާލާފައެވެ. އަދި ކޮލެޖް ޔުނިވަރސިޓީތަކާއި، ބައިވެރިވާން ބޭނުންވާ ޖަމިއްޔާތަކުންވެސް ނަން ނޯޓް ކުރުމަށްވަނީ ހުޅުވާލާފައެވެ.

ދަރުހާއި ފޯރަމްތަކުގައި މުފްތީ މެންކާ ސުވާލު ކުރުމުގެ ފުރުސަތުވެސް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.