ޚަބަރު

އެމްޑީޕީއަށް އަޣުލަބިއްޔަތު ނުލިބި ލާމަރުކަޒީ ނިޒާމު ހިންގަން ޖެހޭގޮތަށް ނުހިންގޭނެ - ރައީސް ނަޝީދު


ލޯކަލް ކައުންސިލްގައި އެމްޑީޕީގެ ކައުންސިލަރުންނަށް އަޣުލަބިއްޔަތު ނުލިބެނީސް ލާމަރުކަޒީ ނިޒާމު ހިންގަން ޖެހޭގޮތަށް ނުހިންގޭނެމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އުތުރުގެ ރަށްރަށަށް ކުރާ ދަތުރުގެ ތެރެއިން ހދ. ހަނިމާދޫ ރައްޔިތުންނާއި ވާހަކފުޅުދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ވަނީ ރައްޔިތުންގެ ހާލަތު ހަޤީޤަތުގައި އެނގެނީ އެމްޑީޕީއަށް ކަމަށެވެ. އެގޮތުން އާސަންދަގެ ނިޒާމާއި، ރައްޔިތުންނަށް ފަހި ފަސޭހަ ނިޒާމުތަށް ފަހިކޮއްދިނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު ފައްކާކުރުމަށް ހުރިހާ މަސައްކަތެއް ކުރި ޕާޓީކަމަށް ވިދާޅުވެފައެވެ. އަދި މި ނިޒާމު ހިންގަން އެނގޭނީ އެމްޑީޕީއަށް އެކަނިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުވަނީ، ލޯކަލް ކައުންސިލްގައި އެމްޑީޕީގެ ކައުންސިލަރުންނަށް އަޣުލަބިއްޔަތު ނުލިބެނީސް ލާމަރުކަޒީ ނިޒާމު އެންމެ އެކަށޭނަ ގޮތުގައި ނުހިންގޭނެކަމުގައި ވިދާޅުވެފައެވެ.

"ލޯކަލް ކައުންސިލްގައި އެމްޑީޕީގެ ކައުންސިލަރުންނަށް އަޣުލަބިއްޔަތު ނުލިބެނީސް ލާމަރުކަޒީ ނިޒާމު ހިންގަން ޖެހޭގޮަތައް ނުހިންގޭނެ. މި ނިޒާމަކީ އަޅުގަނޑުމެން އުފައްދާ އިސްލާޙްކޮށް ހިންގާނެ އޮނިގަނޑު އެކުލަވާލި ނިޒާމެއް. މި ނިޒާމު ހިންގޭނީ ހަމައެކަނި އަޅުގަނޑުމެންނަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީއިން އުތުރުގެ ރަށްރަށަށް ފެށި ދަތުރުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި ޕާޓީގެ މައި ޖަލްސާގައި ރައީސް ނަޝީދު ވަނީ ހއ. ދިއްދޫގެ އެމްޑީޕީގެ އައު ހަރުގެ ހުޅުއްވައި ދެއްވާފައެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުތައް ފަށާފައި ވާއިރު، މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައިވެއެވެ. އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.