ޚަބަރު

އިދިކޮޅަށް ކެނޑިޑޭޓުން ނުލިބުމުން އެފަރާތްތަކަށް ރައްޔިތުން އިތުބާރު ނުކުރާކަން ހާމަވޭ: ރައީސް ނަޝީދު


އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކެނޑިޑޭޓުން ނެގުމުގައި އިދިކޮޅު ފަރާތްތަށް ނާކާމިޔާބުވުމަކީ، އެފަރާތްތަކަށް ރައްޔިތުން އިތުބާރު ނުކުރާކަން ހާމަވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީއިން އުތުރުގެ ރަށްރަށަށް ފެށި ދަތުރުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ތަޢާރަފްކޮށް ފައްކާކުރި ނިޒާމެއްކަމަށެވެ. އެގޮތުން މި ނިޒާމު އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއަކަށް ހިންގަން ނޭނގޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކަށް ޖެއްސި ޙާލުން ރައްޔިތުންނަށް ސާފުވެފައިވާކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމަށް މިދިޔަ އަހަރުތަކުގައި އައި ކަޅު ދުވަސްތަކަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ޒަޢާމަތުގައި މިއަދު އެ ނިޒާމު ހެޔޮ މަގަށް އެޅުވިފައި ވާކަމަށާއި، މި ނިޒާމުގެ އެންމެ ހެޔޮ ފައިދާ ލިބޭނީ އެމްޑީޕީއަށް ކައުންސިލް ތަކުގެ އަޣްލަބިއްޔަތު ލިބިގެންކަން ރައީސް ނަސީދު ފާހަގަ ކުރެއްވިއެވެ.

ކެނޑިޑޭޓެއް ނެގުމުގައި އިދިކޮޅު ފަރާތްތަށް ނާކާމިޔާބުވެ އެކަށޭނަ އަދަދަކަށް ކެނޑިޑޭޓުން ނުލިބުމަކީ، އެފަރާތްތަކަށް ރައްޔިތުން އިތުބާރު ނުކުރާކަން ހާމަވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ބާރު މިނުގައި ހިނގަން ފެށުމުން ރާއްޖެއަށް އަންނާނެ ތަރައްޤީޤެ ތަޞައްރަފު ޕާޓީގެ މެމްބަރުންނާއި ހިއްސާކުރައްވާފައެވެ.

"ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅަށް ކެނޑިޑޭޓުން ނެރުމުގައި ނާކާމިޔާބުވެފައިވާ ތަން މި ފެންނަނީ. މިއީ މި ފަރާތްތަކުގެ ނާކާމިޔާބީ ފާހަގަވާކަން އިނގޭތޯ. އަޅުގަނޑުމެންނަކީ މި ލާމަރުކަޒީ ނިޒާމު ހިންގަން އިނގޭ ހަމައެކަނި ބަޔަކީ. އެހެންވެ ރައްޔިތުންގެ އިތުބާރު އޮތީވެސް އަޅުގަނޑުމެންނަށް އެކަނި." ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް އެކަށޭނަ ކެނޑިޑޭޓުން ނެގުމުގައި އިދިކޮޅު ފަރާތްތަށް ނާކާމިޔާބުވެފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި މިވަނީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއިން ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދުމުގެ މުއްދަތު 3ވަނަ ފަހަރަށް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީއިން އުތުރުގެ ރަށްރަށަށް ފެށި ދަތުރުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި ޕާޓީގެ މައި ޖަލްސާގައި ރައީސް ނަޝީދު ވަނީ ހއ. ދިއްދޫގެ އެމްޑީޕީގެ އައު ހަރުގެ ހުޅުއްވައި ދެއްވާފައެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުތައް ފަށާފައި ވާއިރު، މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައިވެއެވެ. އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.