ވިޔަފާރި

މިއަދުވެސް ބާޒާރުގެ އަގުތަކަަށް މާބޮޑު ބަދަލެއް ނާދޭ


މިއަދުގެ ބާޒާރަށް ބަލާލާއިރުވެސް، ފާއިތުވި ދުވަސްތަކެކޭ އެއްގޮތަށް، އަގުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. މިއަދުވެސް ބާޒާރުގައި ދިވެހިން އާއްމުކޮށް ކެއުންބުއިމަށް ބޭނުންކުރާ ހުރިހާ ބާވަތެއްހެން ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ. އާންމުކޮށް ފަނި ގިރަން ބޭނުންކުރާ ކަރާ ކިލޯ އެއްގެ އަގު އުޅެނީ، 15 ރުފިޔާ އާއި 30 ރުފީޔާއާ ދެމެދުގައެވެ. ކުރުނބާގެ އަގު 15 ރުފިޔާއިން ފެށިގެން 30 ރުފިޔާ އާދެމެދުގެ އަގެއްގައި ހުރިއިރު، މެލަން ވިއްކަނީ 45 ރުފިޔާ އަށް ކިލޯއެކެވެ. އަލަނާސީގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވެއެވެ. އެގޮތުން އަލަނާސީގެ އަގު ތިރިވެފައިވާކަން ފާހަގަކުރެވެއެވެ. މިއަދުގެ ބާޒާރުގައި އަލަނާސިއެއް ލިބެން ހުރީ 40 ރުފިޔާއަށެވެ. ބާޒާރުގައި އަގު އެންމެ ބޮޑަށް އުފުލިފައިވާ އެކައްޗެއްގެ ގޮތުގައި ފާހަގަކުރެވޭ ދޮންކޭލުގެ އަގު ކޮންމެވެސް ވަރަކަށް ތިރިވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަދު ބާޒާރުގައި ދޮންކެޔޮ ލިބެންހުރީ 10 ރުފިޔާއަށް ފަސްވައް ދޮންކޭލެވެ. ކެއްކުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން، ކެރެޓް އަދި ކެބެޖް ކިލޯއެއް ހުރީ 45 ރުފިޔާއާއި 55 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ބަށި ކިލޯއެއް އުޅެނީ 20 ރުފިޔާއިން މަތީގައެވެ. މިރުހުގެ އަގު އުޅެނީ 25 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދުގެ އަގެއްގައި 100 ގްރާމް، އަދި ލުނބޯ ކިލޯއެއް 35 ރުފިޔާއާއި 45 ރުފިޔާ ދެމެދުގެ އަގެއްގައެވެ.ފަތުގެ ބާވަތްތަކުގެ ތެރެއިން ކޮޕީފަތް މިއަދުގެ ބާޒާރުގައިވެސް ފެންނަން ހުރީ ވަރަށްމަދުނެވެ. ތިން ފަތް 20 ރުފިޔާއަށް ލިބެން ހުރި އިރު، ކަންކުން އަދި ކުއްޅަފިލާފަތުގެ އަގު އުޅެނީ، 5 ރުފިޔާ އާއި 15 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މިއަދުގެ ބާޒާރުގެ އަގުތަކަށް ބަލާއިރުވެސް އަގުތަކައް މާބޮޑު ބަދަލެއް އައިސްފައި ނެތްކަން ފާހަގަކޮށްލެވެއެވެ. މިއަދެކޭ އެއްގޮތަށް ރަމަޟާންމަހުގެ ކުރިއަށް ހުރި ދުވަސްތަކުގައިވެސް ތަކެތީގެ އަގަށް މާބޮޑު ބަދަލުތަކެއް ނައިސް، އެއް އަގެއްގައި ހިފެހެއްޓިފައި ހުންނާނެކަމަށް ބާޒާރުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.