ޚަބަރު

ހިމަބިހިން ސަލާމަތް ވުމަށް އަވަހަށް ވެކްސިން ޖަހާ


ހިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސްގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މި ވައިރަހައަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަހެއެކެވެ.

ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްސިއަސް އަށްވުރެ މަތީގައެވެ. ބައެއް ފަހަރު ހުންގަދަވެގެން ގޮސް 40 ޑިގްރީ ސެލްސިއަސް އަށްވެސް އަރައެވެ.


ހިމަބިހީގެ އަލާމާތްތައް:

  • ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
  • ކިނބިހިއެޅުމާއި ކަރުތެރެ ހަލާކުވެ ފާރުވުމާއި ކެއްސުން
  • ވަރުބަލިވުން، ނުތަނަވަސްވުން،
  • ގައިގައި ނުވަތަ މަސްތަކުގައި ރިހުން
  • ކާހިތްނުވުން ފަދަ ކަންތައްތައްވެސް އަލާމާތްތަކުގެ ތެރޭ ހިމެނޭ
  • މަދުން ނަމަވެސް ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ގޮށްލުން


މި ކަންތައްތައް 3-5 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިހުންނަކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި މިފަދަ އަލާމާތްތައް ފެނި ނިމޭ ހިސާބުގައި އަނގައިގެ ތެރޭގައި ކުދިކުދި ރަތްއަޅި ކުލައިގެ ތިކިތަކެއް ނުވަތަ ލައްތަކެއް ހުންނަ އެއްޗެތި ތަކެއް ފާޅުވެއެވެ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ތެރޭގައި މި ރަތްތިކިތައް ފިލައިގޮސް، ރަތް ކުލައަކަށް ހުންނަ ކުދިކުދި ބިހިތަކެއް ހަށިގަނޑުން ފާޅުވާން ފަށައެވެ. މިބިހިތައް ހުންނަނީ ތުންބިހި ނުވަތަ ފެންބިހި ތަކެއްގެ ސިފައިގައެވެ.

މިބިހިތައް ނަގާ ދުވަސްވަރު ހުން ހުންނަ މިންވަރު 40 ޑިގްރީ ސެލްޒިއަސް އަށް މަތިވެގެން ދެއެވެ. ނަމަވެސް 2 ދުވަހެއްގެ ތެރޭގައި ކުރިން ހުރި މިންވަރަށް ހުން އަނބުރާ ރުޖޫއަވެއެވެ. ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ބިހިތައް ގާތްގަނޑަކަށް 4-7 ދުވަހުގެ މުއްދަތަށް ދެމިހުރެއެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމަށްފަހު، އޭގެ ސަބަބުން އިތުރު ނުރައްކާތަކާއި ދިމާނުވާނަމަ، 7-10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެބަލީގެ އުދަނގޫތައް ފިލައިގޮސް ރަގަޅުވެއެވެ.

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ.


ހިމަބިހި ފެތުރޭގޮތް:

  • ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލުވުމުން
  • ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުން
  • ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުންމުން މަދުންނަމަވެސް މިގޮތަށް ހިމަބިހި ޖެހޭ


ހިމަބިހީގެ ނުރައްކާތައް ވަރަށް ގިނަ:

  • ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތައް
  • ލަގޮނޑި ދުޅަވުން
  • ވައިނޮޅި ދުޅަވުން
  • ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ދުޅަވުން
  • ކަންފަތުގެ މެދުބައިގައި ޖަރާސީމު އުފެދުން


ނިއުމޯނިޔާ ޖެހުން

  • ނޭވާކުރުވުން
  • ނޭވާލާން އުދަނގޫވުން
  • މޭގައި ރިހުން


ލޮލަށް ދިމާވާ މައްސަލަތައް

  • ލޮލުރޯގާ ޖެހުން
  • ލޮލުގެ ކުރިމަތީގައި އިންނަ ސާފު ކަވަރު ނުވަތަ ލޮލުގެ ހާމަދުލި އޭ ކިޔޭ މަޑު ޖެލީކޮޅެއްފަދަ ސާފު ބައި ދުޅަވުން
  • ލޮލުގެ ހާމަދުލި އާދަޔާ ޚިލާފަށް މަޑުވުން
  • ލޮލުގެ ހާމަ ދުލީގައި ފާރުހެދުން
  • ލޯދުޅަވުން އަދި ލޯއަނދިރިވުން ފަދަ ކަންތައްތައް


ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތައް

  • އަނގަ ފާރުވުން
  • ބޭރަށްހިންގުން
  • ބޭރަށްހިންގުމަކީ ހިމަބިހި ޖެހޭ މީހުންނަށް އެންމެ އާންމުކޮށް ދިމާވާ އެއް ނުރައްކާ


ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތައް:

  • ސިކުނޑި ދުޅަވުން
  • ވާގިއެރުން
  • ފިޓުޖެހުން ފަދަ ކަންތައްތައް ހިމެނޭ
  • ހަށިގަނޑުން ފެންހުސްވުން


ކުޑަކުއްޖެއްގެ ފުށުން ފެން ހުސްވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:

  • ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން
  • ރޯވަގުތުގައި ކަރުނަ ނެތުން
  • ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން
  • ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން
  • ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން
  • ހުން ވަރަށް ގަދަކޮށް ހުރުން
  • އުނދަގޫތަކެއްވާތީ އުޅުން
  • ހަންގަނޑު ހިކިވެ، ދޫވެ، ނިކަމެތިވުން
  • ބަރުދަން ލުއިވުން


ހިމަބިހި ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހެއެވެ.


ހިމަބިހި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތައް:

  • ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ ކުޑަކުދިންނާއި މީހުން
  • ހިމަބިހި އާންމު ހިސާބުތަކަށް ދަތުރުކޮށްއުޅޭމީހުން
  • ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުޑަކުދިންނާއި މީހުން
  • ވިޓަމިން އޭ ހަށިގަނޑުގައި މަދުވެފައިވާ ކުޑަކުދިންނާއި މީހުން
  • މާބަނޑު މީހުން


ހިމަބިއްސަށް ފަރުވާކުރުމަށް ދެވޭ ވަކި ޚާއްޞަ ބޭހެއް ނުވަތަ މިބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ހިމަބިއްސަށް އާންމުކޮށް ފަރުވާކުރެވެނީ ގޭގައެވެ. ހިމަބިހި ޖެހުމުން އެންމެ އެދެވިގެންވަނީ ރަގަޅަށް އަރާމުކުރުމެވެ.

ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ހިމަބިހިން ރައްކާތެރިވުމަށް ބޭނުންކުރެވޭ ވެކްސިން ޖެހުމެވެ. އެގޮތުން ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ. ބައެއް ޤައުމުތަކުގައި މީސްލްސް ވެކްސިންގެ ދެވަނަ ޑޯޒެއް ވެސް ދެއެވެ. އަދި އުމުރުން 18 މަހުގައި އެމްއެމްއާރު ވެކްސިން ދެއެވެ.

އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.