ޚަބަރު

ބިރަކާ ނުލައި ޝަކުވާ ކުރުމުގެ ފުރުޞަތު ލިބުމަކީ އެންމެ ބޮޑު ކާމިޔާބީ - ނަޝީދު


ބިރަކާ ނުލައި ޝަކުވާ ކުރުމުގެ ފުރުސަތު ހުޅުވާލައި ދިވެހި ރައްޔިތުންނަށް މިނިވަންކަން އިޙްސާސްވުމަކީ ވޭތުވެދިޔަ އަހަރު ދުވަހުގެތެރޭގައި ސަރުކާރުން ހޯއްދެވި އެންމެބޮޑު ކާމިޔާބީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ރަށަށް"ގެ ނަމުގައި އެމްޑީޕީއިން ފަށާފައިވާ ދަތުރުގައި ހއ.ކެލާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، ރައީސް މުޙައްމަދު ނަޝީދު ވަނީ، ވޭތުވެދިޔަ ތަނުގައި ދިވެހިން އެންމެ އެކަށޭނަގޮތުގައި މިނިވަންވެފައި ނުވާކަމަށެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ތަރައްޤީ ހޯދުމުގެ މިނިވަންކަން ވޭތުވެ ދިޔަތަނުގައި ހަނިކޮށްފައިވާކަން ފާހަގަކުރެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްގެ ޙައިސިއްޔަތުން އެޕާޓީގެ ވެރިކަމުގެ ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު ފަރުދުންގެ މިނިވަންކަން އިތުރުވެ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ރަށުގައި ތިބެގެން ޢާމްދަނީ ހޯދޭނެ މަގުތައް މިޤާނޫނާއެކު ފަހިވެ ރައްޔިތުންގެ ފުއްދުންތެރިކަން އެތައް ގުނައަކުން އިތުރުވާނެކަން ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި ސަރުކާރުގައި ބިރަކާއި ނުލާ ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބުމަކީ މި ވޭތިވެ ދިޔަ އެއް އަހަރުގެ އެންމެ ބޮޑު ކާމިޔާބީ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއިއެކު މި މިނިވަންކަން އިތުރުވެ ތަރައްޤީއަށް މަގުފަހިވެގެންދާނެ. މިކަމުގެ އެންމެ އެކަށޭނަ ފައިދާ ކައުސިލްތަކުން ރައްޔިތުންނަށް ފޯރުކޮއްދޭން ޖެހޭ." ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކުރާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ.އާއި ހދ.ގެ ބައެއް ރަށްރަށަށް ދަތުރުކުރާނެއެވެ.