ކުޅިވަރު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުނީ އެއް ރޫހެއްގައި ކުޅުންތެރިން ދެއްކި ހިތްވަރުން: މުމްތާޒް


ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުނީ އެއް ރޫހެއްގައި ކުޅުންތެރިން ދެއްކި ހިތްވަރުންކަމަށް ދިވެހި ސިފައިންގެ ކުލަބުގެ ކޯޗު މުމްތާޒް އަލީ ބުނެފިއެވެ.

51 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ ތަށި ދިފާއުކުރަން ނިކުތް ޕޮލިސް ކުލަބު ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ.

މެޗަށްފަހު ޗެމްޕިއަން ސިފައިން ކުލަބުގެ ކޯޗު މުމްތާޒް ޢަލީ ބުނީ ފައިނަލުން މޮޅުވީ ފުރަތަމަ ސެޓު ގެއްލުނު ކަމުގައި ވިޔަސް އެއް ރޫހެއްގައި ކުޅުންތެރިން ކުރި ހިތްވަރު ކަމަށާއި، މިއީ ޓީމެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އޭނާ ބުނީ ޤައުމީ ލީގުގައި ޕޮލިހާ ދެކޮޅަށް ކުޅުނު ދެ މެޗުން ބަލިވެފައިވުމުން ޤައުމީ މުބާރާތަށް ނިކުތީ ޓީމްގެ ކުޅުމަށް ބަދަލްތަކެއް ގެނެސްގެންކަމަށާއި، ބޭނުންވި ގޮތަށް ޓީމުން ކުޅުނުކަމަށެވެ. މުމްތާޒް ބުނީ މިއީ ގިނަ ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތިޖާކަމަށާއި، ޓީމްގެ ބިދޭސީ ކުޅުންތެރިންވެސް ބޭނުންވި ގޮތަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރިކަމަށެވެ.

ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު މެޗަށްފަހު ބުނީ މުހިންމު ދަނޑިވަޅުތަކުގައި ސިފައިން ކުލަބުގެ ސަރވިސްތައް ފެނުނީ ވަރަށް ވަރުގަދަކޮށްކަމަށާއި، އެޓީމުން ފުރަތަމަ ސެޓު ފިޔަވައި އެހެން ހުރިހާ ސެޓެއްގައިވެސް ސިފައިން މޮޅަށް ކުޅުނުކަމަށެވެ. މެޗުގެ ގިނަ ވަގުތު ޕޮލިހަށްވުރެ ސިފައިން ފެނުނީ ވަރުގަދަކޮށްކަމަށާއި، މެޗުން ބަލިވި ނަމަވެސް ޕޮލިހުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދޭކަމަށް އޭނާ ބުންޏެވެ.