ޚަބަރު

އެކްސިޑެންޓަކާ ގުޅިގެން ލޯންޗު ކެޕްޓަނަކު ބޮޑު ޢަދަދަކުން ޖޫރިމަނާ!


ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ކަނޑުމަތީގެ އެކްސިޑެންޓަކާ ގުޅިގެން ލޯންޗު ދުއްވަންއިން ކެޕްޓަން /116200ރ. (އެއްލައްކަ ސޯޅަހާސް ދުއިސައްތަ ރުފިޔާ)އިން ޖޫރިމަނާކޮށްފިއެވެ.

ފ.ނިލަންދޫ، އުނިމާގެ، އިބްރާހީމް ނާޞިރު ޖޫރިމަނާ ކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މީހަކު މަރުވެދިއުމުގެ އިހުމާލުގެ ޢަމަލެއްކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވުމާ ގުޅިގެންނެވެ.

މި ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 2015 ޑިސެމްބަރ 17ވަނަ ދުވަހު ކުޑަގިރި ޑައިވިންގ ޕޮއިންޓާ ދިމާއަށް ދުއްވާފައިދިޔަ ފަރިހި 2 ދޯނީގައި އިބްރާހީމް ނާޞިރުގެ ކެޕްޓަންކަމުގައި ދުއްވާ ސަންޓޭޓް 1 ލޯންޗު ޖެހީ އެކްސިޑެންޓުވުމުގެ ސަބަބުން، ފަރިހި 2 ދޯނީގައި ތިބީ ދެ ފަތުރުވެރިން މަރުވުމާ ގުޅިގެންނެވެ. ދައުލަތުން ބުނެފައިވަނީ އެ އެކްސިޑެންޓް ދިމާވީ އިބްރާހިމް ނަސީރު ބަލަންވާވަރަށް ނުބަލައި ދުއްވާފައި ދިއުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ އެކްސިޑެންޓް ދިމާވީ އިބްރާހިމް ނާސިރު ބަލަން ޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެހެންމެ މީހަކު މަރުވެދިއުމުގެ އިހުމާލުގެ ޢަމަލެއްކުރުމުގެ ކުށުން އިބްރާހީމް ނާޞިރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އޭނާ ޖޫރިމަނާކޮށް އެ ފައިސާ ފަސް މަސްދުވަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ.