ކުޅިވަރު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި


ޕޮލިސް ކުލަބު ބަލިކޮށް ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

51 ވަނަ ޤައުމީ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބުގެ މައްޗަށް ތިން ސެޓު ދެ ސެޓުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ފަސޭހަކަމާއިއެކު 13-25 އިން ހޯދިނަމަވެސް ދެން ފެނުނީ ހުރިހާ ސެޓެއްގައިވެސް ދެ ޓިމުން ވަރުގަދަ ވާދައެއް ކުރިތަނެއެވެ. މެޗުގެ އެންމެ ފޯރިގަދަ ސެޓަށްވީ ދެވަނަ ސެޓެއެވެ. އެއްވަރުކޮށްދިޔަ ސެޓު ފަހު ވަގުތު ސިފައިން ގެންދިޔައީ 29-27 އިންނެވެ.

ތިންވަނަ ސެޓު ފަށައިގެން ލީޑުގައި އޮވެ ކުޅުނީވެސް ދިވެހި ސިފައިންގެ ކުލަބުންނެވެ. ލީޑް ދަމަހައްޓައި ސިފައިން މި ސެޓު 25-22އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޖެހިލިއެވެ.

ހަތަރުވަނަ ސެޓުވެސް ފެށިގެން ލީޑްގައި އޮވެ ކުޅުނީ ސިފައިންނެވެ. ނަމަވެސް ފަހު ވަގުތު ޕޮލިހުން ނަތީޖާ އަނބުރާލީ ދީޕްތީއާއި ސެންޓަރ ބްލޮކަރު ޔޫސުފްގެ މޮޅު ކުޅުމާއިއެކުއެވެ. މި ސެޓު ޕޮލިހުން ގެންދިޔައީ 22-25އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ސެޓު ސިފައިން ގެންދިޔައީވެސް ވަރަށް ވާދަވެރި ކުޅުމަކަށްފަހުއެވެ. 13-13 އިން އެއްވަރުވެފައި އޮއްވާ ސިފައިން މުބައްޝަރުގެ މޮޅު ކުޅުމާއިއެކު 15-13އިން ސެޓު ހޯދައި ޗެމްޕިއަންކަން ދިވެހި ސިފައިން ކްލަބުން ހޯދިއެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ އަހުމަދު އަބްދުލްކަރީމްއެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ މުބައްޝަރު ރަޒާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ އާދަމް ނަސީމްއެވެ.