ޚަބަރު

ޢަބްދުﷲ ސައީދުގެ މައްސަލާގައި އިޖްރާއަތްތަކާ ޚިލާފަށް ކަންކަން ނިންމި - ދައުލަތް


ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވިކަމަށްބުނެ ކުރީގެ އުއްތަމަފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ އިޖްރާޢަތްތަކާ ޚިލާފަށްކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ޖަލުޙުކުމް ބާޠިލްކުރުމަށް އެމަނިކުފާނު ހައިކޯޓަށް ހުށައެޅުއްވީ 2018ވަނަ އަހަރުއެވެ. އޭގެ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ހައިކޯޓުގައިފެށި އަޑުއެހުންތަކުގައި ޢަބްދުﷲ ސަޢީދުގެ ފަރާތުންވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި ހުށައަޅާފައިވާ އިސްތިއުނާފުގެ ނުކުތާތައް ފާހަގަކުރައްވާފައެވެ.

ޙުކުމް ބާޠިލްކޮށްދޭން އެދި ޢަބްދުﷲ ސަޢީދު ހުށަހެޅުއްވި ސަބަބުތަކަށް ދައުލަތުގެ ވަކީލުން ދެއްވި ރައްދުގައި ޢަބްދުﷲ ސަޢީދަށް ކޮށްފައިވާ ދައުވާއާއި ކަނޑައަޅާފައިވާ އަދަބާއި ހެކިބަސް ނެގިގޮތް ރަނގަޅުކަމަށް ވަކީލު ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން އެދުނީ އެމައްސަލާގައި ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށެވެ.

ޢަބްދުﷲ ސައީދުވަނީ ކްރިމިނަލް ކޯޓުގައި އެދަޢުވާ އުފުލައިގެން ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނުގެ މައްޗަށް އެއްކޮށްކަން ފާހަގަކުރައްވާފައެވެ.

އެ ދެބޭފުޅުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން ދައުލަތުންވެސް ވެފައިވާ އިއުތިރާފުތަކުގެ މައްޗަށް ބަލައި އެބޭފުޅުންގެ މައްޗަށް މިމައްސަލާގައި ކޮށްފައިވާ ޙުކުމް ބާޠިލް ކޮށްފައިވާކަން އަބްދުﷲ ސަޢީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންވެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތުގެ ވަކީލުންނާ ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ. އެގޮތުން އަލީ ހަމީދާއި ރައީސް މައުމޫނާއި އަބްދުﷲ ސައީދާ މިމައްސަލާގައި ހުރީ ކޮން ތަފާތެއްތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެއްވެސް ތަފާތެއް ނެތްކަމަށެވެ. އަދި ޢަލީ ހަމީދަށްކުރި ހުކުމް ހައިކޯޓުން ބާޠިލްކުރުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމައިދޭން އެދުމުން ހައިކޯޓުގެ ފަނޑިޔާރުން ވަނީ ދައުލަތުން ނިންމައިދޭން އެދެނީ ކޮން ގޮތަކަށްތޯ ސާފުކޮށް ވިދާޅުވާން އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލުވަނީ އެމައްސަލާގައި ޤާނޫނާ ޚިލާފަށް ބައެއް އިޖްރާއަތްތައް ހިންގިކަމަށާ އޭގެ ސަބަބެއްގެގޮތުން ހުކުމް ބާޠިލްވާނެކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ޢަބްދުﷲ ސަޢީދުވަނީ ސުޕްރީމް ކޯޓަށް ފުލުހުންވަދެ އެމަނިކުފާނުގެ ފޯނުދޭން އެދުނުއިރު ފޯނު ނޯންނާނެކަމަށް ވިދާޅުވެ އެރޭ ކަންކަން ހިނގައިދިޔަގޮތް ހައިކޯޓުގެ މިއަޑުއެހުމުގައިވެސް ވިދާޅުވެފައިއެވެ. މި މައްސަލާގައި ދެން އޮންނާނީ ހުކުމްކުރުމެވެ.

ޢަބްދުﷲ ސައީދުގެ މައްޗަށް އިއްވާފައިވާ އެއްއަހަރާއި ހަތް މަހާއި ހަތް ދުވަހުގެ ޖަލުހުކުމް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ އޭގެ ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ދެ ހުކުމެއް ތަންފީޒުކޮށް ނިމުމުންނެވެ.