ޚަބަރު

ކޯލިޝަނަކަށްވުރެ ބޮޑަށް ދިވެހިން ބޭނުންވަނީ އެމްޑީޕީގެ ފިކުރު - ނަޝީދު


ކޯލިޝަނުގެ ވިސްނުމަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ފިކުރުކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގެން ވިދާޅުވީ ކުރިއަަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް އެމްޑީޕީން މިހާރު ރާއްޖޭގެ އުތުރުގެ ރަށްރަށަށް ކުރަމުންދާ ދަތުރުގައި ހއ.ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޝަރުޢީ ނިޒާމު އިސްލާޙުކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމަސައްކަތަކީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ތަރައްޤީ ގެނައުމަށް ކޮށިގެންދިޔަ ފަހި މަގެއްގެގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މިސަރުކާރު ވެރިކަމާ ޙަވާލުވީ އިސްލާޙުގެނެސް ރާއްޖެއަށް ތަރައްޤީ ގެނައުމަށް ކަމަށާ، ރައްޔިތުންގެ ޝަކުވާ ސަރުކާރުން އަޑު އަހާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" މިނަމުގައި ކުރިއައް ގެންދާ ކެމްޕެއިން ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ވަނީ ކޯލިޝަނުގެ ވިސްނުމަކަށްވުރެ ބޮޑަށް އެމްޑީޕީގެ ފިކުރު އެކަނިކަމަށެވެ. ކޯލިޝަންއެއްގައި އޮތުމުން އެކިކަންކަމުގައި ބައިއަޅަންޖެހި ތަރައްޤީ މަޑުޖެހުމަކީ އެކަށީގެންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ވިސްނުން މިހާރު ހުރީ ކިހިނެއްކަން މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން އެކަނިވެސް ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުން ވަނީ ކޯލިޝަން ވިސްނުމަކަށްވުރެ ބޮޑަށް އެމްޑީޕީގެ ފިކުރު އެކަނިކަން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެކަނިކަންވެސް ހާމަވޭ. އެގޮތުން ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ދެއްވުމަކީ މިކަމުގެ އަލިގަދަ ހެތްކެއް." ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ އުތުރުގެ 10 ރަށަކަށް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރު ފަށާފައެވެ. މިދަތުރުގައި ހއ.އިހަވަންދޫއާއި ހޯރަފުއްޓާއި ކެލައާއި ބާރަށާއި ދިއްދުއަށް ދަތުރުކުރާނެއެވެ. އަދި ހދ.ކުޅުދުއްފުއްޓާއި ނޮޅިވަރަމާއި ހަނިމާދުއާއި ކުމުންދުއާއި ވައިކަރަދުއަށް ދަތުރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ހއ.ދިއްދޫގައި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.