ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލީބަށް އެ ޤައުމުގެ ސަރުކާރަށް ވާގިދޭ އަސްކަރީ ބާރުތަކުން ދިން ޙަމަލާތަކެއްގައި 17 މީހުން މަރުވެއްޖެއެވެ.
މަންޒަރު ދުށް ފަރާތްތަކާ ސޫރިޔާގެ އެކްޓިވިސްޓް ޖަމާޢަތްތަކުން ބުނެފައިވަނީ ސޫރިޔާގެ ސަރުކާރަށް ވާގިދޭ އަސްކަރީ ބާރުތަކުންވަނީ އިދްލީބްގެ ހަތަރު އަވަށަކަށް ޙަމަލާތައް ދީފައިކަމަށެވެ. އަދި މި ޙަމަލާތަކުގައި 40ހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށްވެސް އެ ޖަމާޢަތްތަކުން ބުނެއެވެ. ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ޙަމަލާތަކުގައި ޢާއްމުންގެ 17 މީހުން މަރުވެފައިވާކަމަށާ އޭގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެނޭކަމަށެވެ
އިދްލީބަށް އަސްކަރީ ޙަމަލާތައް ދީފައިވަނީ އެ ސަރަހައްދުގައި ޙަމަލާތައް ބަދަލުކުރުން މަނާކުރާ އެއްބަސްވުމެއް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އެ ސަރަޙައްދުގައި ވައިގެ މަގުންނާ އެއްގަމު މަގުން ޙަމަލާތައް ދިނުން ހުއްޓާލަންޖެހޭކަމަށެވެ.
މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ސޫރިޔާގެ ސަރުކާރަށް ވާގިދޭ އަސްކަރީ ބާރުތަކާ އެ ޤައުމުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ ބާރުތަކުން ދަނީ އިދްލީބްއަށް ޙަމަލާތައް ދެމުންނެވެ. އިދްލީބަކީ ސޫރިޔާގެ އިދިކޮޅު ބާރުތަކުގެ ދަށުގައި މިހާރު އޮތް އެ ޤައުމުގެ އެންމެފަހު ސަރަޙައްދެވެ.