ވިޔަފާރި

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އިންޑިއާއާއި ރާއްޖޭގެ ފަރާތްތައް ގުޅާލަދެނީ


އިންޑިއާގެ ޓްރެވަލް އޮޕަރޭޓަރ "ޔަންގިސްތާން ޓްރެވެލާސް"އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ނެޓްވޯކިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔަ މިހަރަކާތަކީ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި އިންޑިއާގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ޔަންގިސްތާން ޓްރެވަލާސްއިން މައުލޫމާތުދެއެވެ.

ނެޓްވޯކްކުރުމުގެ ފުރުސަތު ދިނުމަށް ބޭއްވި މިހަރަކާތުގައި 150 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. މީގެތެރޭގައި ރާއްޖޭއާއި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސޭލްސް އެންޑް މާރކެޓިން މެނޭޖަރުންނާއި، ޓުއަރި އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއި، އެއަރލައިންތަކުގެ އޮފިޝަލުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި އިންޑިއާގެ ފަރާތްތައް ގުޅުވާލަދިނުމުގެ މަސައްކަތް ފަށާފައިވާއިރު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިކަން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީން މިދިޔަ ޑިސެންބަރުމަހު ނެރެފައިފާ ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިއާއިން ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ 100 އިންސައްތައަށް ވުރެ އިތުރުވެފައެވެ.