ޚަބަރު

މި ފެށުނީ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ އާމަރުހަލާއެއް - ރައީސް


ޢިޢްޒުންދީން ސްކޫލާއިއެކު މިފެށުނީ ވަށައިޖެހޭ ތައުލީމުގެ ތެރެއިން ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމެ އާމަރުހަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އިއްޒުއްދީން ސްކޫލުގެ ނަން، އެބޭފުޅަކަށް ނިސްބަތްވަނީ، ދޮންބަންޑާރައިންނަށް ކަމަށްވާއިރު، އެމަނިކުފާނުގެ ސިފަތައް އަށަގެންނެވުމަށް ކޮންމެ ދަރިވަރަކު ގަދައަޅައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިއްޒުންދީން ސްކޫލު ހުޅުވައި ދެއްވުމަށްފަހު ވާހަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ސްކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކުރުމުގެ އާމަރުޙަލާގެ ތެރެއިން ކިޔެވުމާއި، އަޚުލާޤާއި، ހަށި ހެޔޮކަމުގެ ހަރަކާތްތައް ހިމެނިގެންދާނެކަމަށެވެ. މިބަދަލާއިއެކު ވަޒީފާއަށްދާ ބެލެނެވެރިންނަށް ސްކޫލުތަކަށް ކުދިން ގޮވައިގެން ދިއުމަށްވެސް އިތުރު ފަސޭހަތަކެއް ވެގެންދާނެއެވެ.

" މިއަދު މި ހުޅުވުނު ޢިއްޒުއްދީން ސްކޫލާއެކު، ސަރުކާރުގެ ސްކޫލްތައް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މުޅިން އައު މަރުޙަލާއެއް ފެށިގެންދާނެ. މިދެންނެވި ސިޔާސަތު، މި ސްކޫލްގައި ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާޤާއެކު، ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢިއްޒުންދީން ސްކޫލުގެ ނަމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ސްކޫލުގެ ނަން ނިސްބަތްވަނީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށްކަމަށެވެ. އެމަނިކުފާނަކީ ވަޠަނީ ލޯތްބާއި ޤައުމީ ރޫޙުގައި، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ކޮންމެ ފަރުދެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް މި ސިފަތައް އަށަގެންނެވުމަށް ކޮންމެ ދަރިވަރަކު ގަދައަޅައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ، މި ސްކޫލަކީވެސް ހުރާ ޚާންދާނުގެ ރަސްކަލުން ފަދައިން، ތަޢުލީމީ އަދި ޢިލްމީ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުން، އަގުހުރި ދަރިވަރުންތަކެއް އުފައްދާނެ ސްކޫލަކަށް ވެގެންދިޔުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުދިންނަށް ކިޔަވައިދިނުމާއެކު، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް، އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލުތަކުން މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒެވެ. މިފަދަ ކަންކަން ދަރިވަރުންނަށް ފަހިކޮށްދިނުމަށްޓަކައި، މިއަދު ހުޅުވި، އިއްޒުންދީން ސްކޫލްގެ ކްލާސްތަކަށް ދަރިވަރުން ބަހާލާފައިވާނީ، ކްލާހެއްގައި 25 ދަރިވަރުންނަށްވުރެ އިތުރުނުވާގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުގެ ސްކޫލެއް މިގޮތަށް އިންތިޒާމު ކުރެވޭ ފުރަތަމަ ފަހަރުކަމަށާ އެކަމުގެ ހެޔޮ ބަދަލު ދަރިވަރުންގެ ކިބައިން ފެނިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.