ކުޅިވަރު

ބާސެލޯނާއިން ޒަވީ ކޯޗަކަށް ގެނައުމަށް ރަސްމީކޮށް ވާހަކަތައް ފަށައިފި


ބާސެލޯނާއިން އެ ޓީމުގެ ކޯޗަކަށް ގެނައުމަށް ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހަނާންޑޭޒްއާ އެކު ރަސްމީކޮށް ވާހަކަތައް ފަށައިފިއެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން މިހާރު ކޯޗުކޮށްދެމުން އަންނަ ސާދުން މިހާރުވަނީ މިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ޒަވީ ބުނީ މިވަގުތު އޭނާ ވިސްނަނީ ގަތަރު ކަޕުގެ ފައިނަލަށް ކަމަށާއި އަލްސާދަ ކޯޗުކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ އުޅެބޮޑުވި، އަދި ކުޅުނު ކުލަބު ބާސެލޯނާއަށް ކޯޗުކޮށްދިނުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.

ޒަވީ ކޯޗުކަމަށް ގެނައުމަށް އޭނާ ބާސެލޯނާގެ އިސް ދެމެމްބަރުން ކަމަށްވާ އޮސްކާ ގުރޫ އާއި އެރިކް އަބިދާލް ވަނީ ގަތަރުގައި ބައްދަލުކޮށްފަ އެވެ. އަދި 2 އަހަރާއިބައިގެ ކޮންޓްރެކްޓެއްވަނީ ހުށަހަޅާފަ އެވެ. މި ކޮންޓްރެކްޓަށް މާދަމާގެ ވަގުތެއްގައި ޒަވީ ޖަވާބުދޭނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

"އަބިދާލް އަކީ އަކީ އަހަރެންގެ ރައްޓެއްސެއް. އޭނާއާ އަހަރެން ވާހަކަ ދެއްކީ އެގޮތުގެ މަތީން. އެކަމަކު އެބައްދަލުވުމުގެ ތަފްސީލްދޭކަށް ބޭނުމެއްނޫން. ބާސެލޯނާ އަށް ކޯޗުކޮށްދިނުމަކީ އަހަރެންގެ ހުވަފެނެއް. އެވާހަކަ ކުރީގެ އިންޓަވިއުތަކުގައި ވެސް އަހަރެން ބުނިން. އެކަމަކު އަހަރެން އިހްތިރާމްކުރަން ބާސެލޯނާ އަށް ވެސް، އަލްސާދަށްވެސް ކޯޗު އާނެސްޓޯ ވަލްވާޑޭ އަށްވެސް އަދި އަހަރެންގެ ކޮންޓްރެކްޓަށްވެސް،" ޒަވީ ބުންޏެވެ.

ބާސެލޯނާގެ ކޯޗުމަގާމަށް ޒަވީ ގެނައުމުގެ މަސައްކަތް ފެށީ ވަލްވާޑޭގެ ކޯޗުކަމުގައި ސްޕެނިޝް ސުޕަކަޕުގެ ސެމީ ފައިނަލުން ބާސެލޯނާ ކެޓުމުންނެވެ. އޭނާގެ ކޯޗުކަމުގައި މިދިޔަ ދެ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ކެޓީ ބޮޑު ލީޑެއްގައި އޮއްވަ އެވެ. މިހެންވެ އޭނާ މަގާމުން ވަކިކުރަން ފާޅުގައި ބާސެލޯނާގެ ސަޕޯޓަރުން ދަނީ ކުލަބަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.