ޚަބަރު

ދިރާސީ އާއަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް ވެގެންދާނެ - ރައީސް


މިއަދު ފެށި ދިރާސީ އާއަހަރުގެ ތަހުނިޔާ ރާއްޖޭގެ ކިޔަވާކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ފޮނުވައިފިއެވެ.

ދިރާސީ އާއަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފެށުނު ދިރާސީ އާއަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ދަރިވަރުންނަށް ކުރެވޭ އާ ތަޖުރިބާތަކާއި ލިބޭ އާފިލާވަޅުތަކުން ތަޖުރިބާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ގިނަ ކާމިޔާބީތަކެއް ހާޞިލްކޮށްފައިވެއެވެ. އަދި މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް ވެވުނު ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ޤާބިލް މުދައްރިސުން ހޯދުމާއި ތަޢުލީމީ މަންހަޖު މުރާޖަޢާކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްފަންސުރު، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފޮނުވައި ދަރިވަރުންގެ އެންމެހާ ކަންކަން ސަރުންވަނީ ހަމަޖައްސާފައެވެ.

ދިރާސީ އާއަހަރުގެ ތަހުނިޔާ ދައުލަތުގެ ވަޒީރުންނާއި، އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ ކިޔަވާ ކުދިންނަށާއި، ޓީޗަރުންނަށާއި ބެލެނެވެރިންނަށް ފޮނުވަމުންނެވެ. މިއަދު ދިރާސީ އާއަހަރު ފެށުނުއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 83،000 ވުރެ ގިނަ ދަރިވަރުން ތައުލީމް ހާޞިލް ކުރަމުންދާނެއެވެ.