ޚަބަރު

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ: ޙަމަލާތަކުގެ އަމާޒަކަށް


62 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)އަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަދި ޗައިނާއާއި ޕާކިސްތާނުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު މަޝްރޫއެކެވެ. އަދި ޗައިނާއިން މިމަޝްރޫއަށް އިސްކަމެއް ދިންނަމަވެސް މިމަޝްރޫއުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ އެޤައުމުން ކަންބޮޑުވާ ކަންކަމެވެ. ޚާއްސަކޮށް މަޝްރޫއުގެ ދަށުން ތަރައްޤީކުރާ އިމާރާތްތަކާއި ވަސީލަތްތަކާއި އެކަމުގައި އުޅޭ ޗައިނާގެ ރައްޔިތުންނަށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ޙަމަލާއެއް އަމާޒުވެދާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ.

ޕާކިސްތާނުގައި ހަނގުރާމަވެރިންގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަޙައްދުކަމަށްވާ ބަލޫޗިސްތާން ޕްރޮވިންސްގެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ސީޕެކްގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ޕަންޖާބް ޕްރޮވިންސަށެވެ. ނަމަވެސް ސީޕެކްގެ ގިނަ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ގެންދަނީ ބަލޫޗިސްތާނުންނެވެ. ބަލޫޗިސްތާން ސަރަޙައްދުގެ މީހުންގެ މިވިސްނުން ހަނގުރާމަވެރި ޖަމާއަތްތަކުންވެސް ގެންގުޅޭތީ، ސީޕެކްގެ ދަށުން އެހެން ސަރަޙައްދުތަކުގައި ހިންގާ މަޝްރޫއުތަކަށް ޙަމަލާއެއް ދީފާނެކަމުގެ ބިރު އޮވެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ހަނގުރާމަވެރިންގެ ބިރާ އުނދަގުލުގެ ސަބަބުން މަޑުޖެހިފައިވާ ބައެއް މަޝްރޫއުތައް އަލުން ފެށުމަށް ޗައިނާގެ ސަރުކާރުގެ މަންދޫބުންވަނީ ހަނގުރާމަވެރި ޖަމާޢަތްތަކާއި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ޤައުމުން ބޭރުގައި ހުރި ޗައިނާގެ އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަމަކީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ މުޙިއްމު ބަޔަކަށް ހަދަންވެފައިވާކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީވަނީ ދާދިފަހުން ވިދާޅުވެފައެވެ.

2018ވަނަ އަހަރު ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާމީން ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި، ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް ޙަމަލާދީ 4 މީހަކު މަރާލި ޙާދިސާ ފާހަގަކޮށްލެވެއެވެ. އަދި 2019ވަނަ އަހަރު ގްވަދާރުގައި ހުންނަ ޕާރލް ކޮންޓިނެންޓަލް ހޮޓަލަށް ދިން ހަމަލާގައި 5 މީހަކު މަރުވިއެވެ. މިޙަމަލާއަށްފަހު ޗައިނާ ރައްޔިތުންގެ އިތުރުން ޗައިނާގެ އިންވެސްޓްމަންޓްތަކަށް ޙަމަލާދީފާނެކަމުގެ ބިރުއޮތްކަމަށް ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ބުންޏެވެ. ޚާއްސަކޮށް ހަކަތަޔާ ދަތުރުފަތުރާއި ގުޅުން ހުރި މަޝްރޫއުތަކަށް ޙަމަލާ އަމާޒުވުމުގެ ބިރުއޮތްކަމަށް އެނޫހުން ފާހަގަކުރިއެވެ. އަދި ޗައިނާ ރައްޔިތުން ޕާކިސްތާނުގައި އުޅޭއުޅުމުގައި ސަމާލުވާންވެސް ގްލޯބަލް ޓައިމްސުން އިރުޝާދު ދިނެވެ.

ސީޕެކްގެ މަޝްރޫއުތަކުގައި މަސައްކަތްކުރަނީ ގިނައިން ޗައިނާގެ ކުންފުނިތަކުން ގެންނަ އެޤައުމުގެ މީހުންނެވެ. ނަމަވެސް އެމަޝްރޫއުތަކުގެ ތެރެއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އުފެދިގެންދާނެކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނިނަމަވެސް، އުފެދޭ މަދު ވަޒީފާތައްވެސް ހަމައެކަނި ޕަންޖާބް އަދި ސިންދު ޕްރޮވިންސަށް ލިބުމަކީ އެހެން ޕްރޮވިންސްތަކުގެ ހިތްހަމަނުޖެހުން އަމާޒުވާ ސަބަބެކެވެ.

ޙަމަލާތަކުގެ ބިރާއިއެކު ޗައިނާއިންވަނީ ސީޕެކްގެ ސަލާމަތާއި ރައްކާތެރިކަމަށް ޕާކިސްތާން އަސްކަރިއްޔާގެ 15،000 ސިފައިން އެސަރަޙައްދަށް ފޮނުވުމަށް އެދިފައެވެ. ނަމަވެސް، އެޕްރޮވިންސްތަކުގެ ސަރުކާރުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން އެކަން ކާމިޔާބުވާގޮތެއް ނުވެއެވެ. އަދި ޕާކިސްތާނުގައި ހުންނަވާ ޗައިނާ ސަފީރު ޔާއޯ ޖިންގްވަނީ މިދިޔަ ނޮވެމްބަރު މަހު ބަލޫޗިސްތާނާއި ގިލްޖިތް-ބަލްޖިސްތާން ޕްރޮވިންސްގެ އިސްވެރިންނާއެކު ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ނަމަވެސް، މި މަޝްވަރާތަކުންވެސް ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ. މަޝްރޫއުތަކުގެ ރައްކާތެރިކަން ކަށަވަރުނުވުމުގެ ސަބަބުން ސީޕެކަށްދަނީ ބުރޫއަރަމުންނެވެ. މިއީ ޗައިނާއާއި ޢަރަބި ކަނޑު ގުޅުވާލުމަށް ޗައިނާއިން ފަށައިފައިވާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހަކެވެ.