ޚަބަރު

ޕާކިސްތާނުގެ ކުއެޓާގެ މިސްކިތަކަށް ދިން ޙަމަލާއެއްގައި 14 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ކުއެޓާގެ މިސްކިތަކަށް ޙަމަލާދީ 14 މީހުން މަރާލައިފިއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ އެ ޤައުމުގެ ހުޅަނގު ދެކުނުގެ ބަލުޗިސްތާނުގެ ވެރިރަށް ކުއެޓާގެ މިސްކިތުގައި ގޮއްވާލާފައިވަނީ ބޮމެއްކަމަށާ އެއީ ދީނީ މަދަރުސާއެއްގައި ހުންނަ މިސްކިތެއްކަމަށެވެ. ބޮން ގޮއްވާލާފައިވަނީ ހުކުރުދުވަހުގެ ރޭ އިޝާ ނަމާދުގެ ވަގުތުކަމަށާ މިއީ ކުއެޓާގައި މި ހަފުތާގައި ގޮއްވާލި 2ވަނަ ބޮންކަމަށްވެސް ޕާކިސްތާނުގެ ފުލުހުން ބުނެއެވެ. މި ޙާދިޘާގައި ޒަޚަމްވި މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ކުއެޓާގެ ހޮސްޕިޓަލުގެ ޑޮކްޓަރެއްކަމަށްވާ ވަސީމް ބެއިގް ވިދާޅުވީ އެ ހޮސްޕިޓަލަށް 14 މީހެއްގެ ހަށިތަކާއި ޒަޚަމްވެފައިވާ 20 މީހުން ގެނަސްފައިވާކަމަށެވެ.

ކުއެޓާގެ މިސްކިތަށް ދިން ޙަމަލާގައި މަރުވި 14 މީހުންގެ ތެރޭގައި ޕާކިސްތާން ފުލުހުންގެ އިސް އޮފިސަރެއްކަމަށްވާ އަލްޙާޖް އަމާނުއްﷲ ހިމެނޭއިރު މިދިޔަމަހު ގޮތް ނޭނގޭ ބަޔަކުވަނީ އޭނާގެ ފިރިހެން ދަރިޔަކު މަރާލާފައެވެ.

ކުއެޓާގެ މިސްކިތަށް ދިން ޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއްނުވެއެވެ. އީރާނާއި އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގާ ގުޅިފައިވާ ބަލުޗިސްތާނަކީ ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދެކެވެ. ޗައިނާގެ އެހީގައި ޕާކިސްތާނުން ބިނާކުރާ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި އޮންނަ ބަލޫޗިސްތާނަކީ މައުދަނާއި ޤުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ސްޓޭޓެކެވެ.